‏ލޯތްބާއި އަޅާލުމާއެކު ރައްކާތެރިކަމުގައި ބޮޑުވުމުގެ ހައްގު ލިބިފައިވާ ކުޑަކުއްޖެއްގެ ފުރާނަ ގަސްދުގައި ދުއްވާލުމަކީ މުޅި ގައުމު ކަރުނަ އަޅަންޖެހޭ ވަރުގެ ކަމެއް ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އައިޝަތު ދީދީ މިހެން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފޭސްގެ މޫދުން މަރާލާފައި އެއްލާލާފައި އޮތް ކުޑަކުއްޖެއްގެ ހަށިގަނޑު ފެނުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އެ ކުއްޖާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައި މިނިސްޓަރު އައިޝަތު ދީދީ ވިދާޅުވީ ‏ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ކުރިމަތިވާ ގިނަ ގޮންޖެހުންތައް ނައްތާލުމަށްޓަކައި މުއައްސަސާތައް ގުޅިގެން ކުރެވޭ މަސައްކަތް މިހާރަށްވުރެ ބަދަހިވެ ވަރުގަދަވާން ޖެހޭ ކަމަށެވެ.

އުމުރުން 13 އަހަރުގެ އެ ކުއްޖާ މަރާލައި ފޮއްޓަކަށް ލާފައި އޮއްވައި ފެނިފައި ވަނީ، ހުޅުމާލެ ފޭސް2ގެ މޫދުން ރޭ ދަންވަރު 2:30 ހާއިރުއެވެ. އެއީ ފިރިހެން ކުއްޖެކެވެ. އެކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓެމް ހެދުމަށް ވަނީ ނިންމައިފައެވެ.