ކޮވިޑާ ގުޅިގެން މާލޭގައި ކާފިއު ހިންގަމުން ދިޔަ ވަގުތެއްގައި، މަރާލުމަށްފަހު، ފޮއްޓަކަށް ލާފައި އޮތް ކުއްޖަކު ހުޅުމާލޭ ފޭސް 2 ގެ މޫދު ތެރެއިން ފެނުނު ހަބަރުން އެތައް ބަޔަކަށް ކުއްލި ހައިރާން ކަމެއް ލިބިގެންދިޔަ އެވެ.

އުމުރުން 13 އަހަރުގެ އެ ފިރިހެން ކުއްޖާގެ ހަބަރެއް ނުވާތާ ދެ ދުވަސްފަހުން މިދިޔަ އާދީއްތަ ދުވަހު އާއިލާގެ ފަރާތުން އެކަން ފުލުހުންނަށް ރިޕޯޓުކުރި އެވެ. އެއާއެކު ފުލުހުން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި އެ ކުއްޖާ ވަނީ ރަހީނު ކޮށްފަ އެވެ. ހުޅުމާލޭ ފޭސް 2 ގެ މޫދުން ފޮށިގަނޑަކަށް ލާފައި ވަނިކޮށް އެ ކުއްޖާގެ ފުރާނަ ނެތް ހަށިގަނޑު ފެނުނީ ރޭ 2:38 ހާއިރު އެވެ. އޮތީ ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ.

އެ ކުއްޖާގެ ހަށިގަނޑު ފެނުނު މީހަކު "ވަން" އަށް ކިޔައިދިން ގޮތުގައި މީހަކަށް ބަލައިލަން ކެތްނުވާ ވަރަށް ހަށިގަނޑުގައި އަނިޔާގެ ނިޝާންތައް ހުއްޓެވެ. ކަރުގައި ވަށް އެއްޗެއް ބައްދާފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. ބެލެވޭ ގޮތުގައި އެ ކުއްޖާ މަރާލީ ކަރުގައި އެއްޗެއް ބައްދައި ނޭވާ ހާސްކޮށްގެނެވެ.

ވަން ގެ ނޫސްވެރީން އައިޖީއެމްއެޗަށް ދިޔަ އިރު އިމަޖެންސީ އޭރިއާ ސަރަހައްދުގައި ފުލުހުންނާއި އާއިލާގެ މެންބަރުންވެސް އުޅެ އެވެ.

މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ކިޔައިދިން ގޮތުގައި މި ހާދިސާ ހިނގުމާއި ގޭންގުތަކާ ގުޅުމެއް އޮތް ކަމަށް ގަބޫލު ކުރެވެ އެވެ. އެ ގޮތުން މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގޭންގާ ގުޅުން ހުރި ދެމީހަކު ކަމަށް ވެސް ބުންޏެވެ.

ކުއްޖާގެ އާއިލާގެ މެންބަރަކު "ވަން" އަށް ކިޔައިދިން ގޮތުގައި، ރޭގެ ވަގުތެއްގައި، އެ ކުއްޖާ ހޯދުމަށް ނުދަންނަ ބަޔަކު އެ ކުއްޖާގެ މަންމަގެ ފޯނަށް ގުޅާފައިވެސް ވެ އެވެ. އެ ގުޅި މީހުންނަކީ ކޮންބައެއް ކަމެއް އާއިލާއަކަށް ނޭނގެ އެވެ. އަދި އެ ކުއްޖާ ހޯދުމަށް މާލޭގައި އެ ކުއްޖާ ދިރިއުޅޭ ގެ ކައިރިއަށް ވެސް ދެ ކުއްޖަކު ގޮސްފައިވެ އެވެ. ނަމަވެސް އެއީ އެ ކުއްޖާގެ ރައްޓެހިން ކަމެއް ނުވަތަ އެނޫން ބައެއްކަން ކަށަވަރެއް ނުވެ އެވެ.

"ވަން" އިން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ކުއްޖާގެ ކުށުގެ ރެކޯޑު އޮވެ އެވެ. މިހާތަނަށް ހުކުމެއް ކޮށްފައި ނުވި ނަމަވެސް އެތައް ފަހަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވެ އެވެ. ނަމަވެސް މިހާތަނަށް އެ ކުއްޖާ ފަރުވާ ދިނުމަށް ރިހެބިލިޓޭޝަން ސެންޓަރަށް ގެންގޮސްފައެއް ނުވެ އެވެ.

މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ކިޔައިދިން ގޮތުގައި އެ ކުއްޖާ ވަނީ ވަކި ހިސާބަކުން ސްކޫލަށް ދިޔުން ހުއްޓާލައިފަ އެވެ. ބެލެވޭގޮތުގައި އެއީ ގްރޭޑް 7 އިން ފެށިގެންނެވެ. އޭގެ ސަބަބެއް ސާފެއް ނުވެ އެވެ.

ކިޔެވުން ހުއްޓާލައި، ކުއްޖާގެ އުޅުމަށް ބޮޑެތި ބަދަލުތަކެއްް އައީ މަންމަ އާއި ބައްޕަގެ ކައިވެނި ރޫޅުނު ފަހުންނެވެ. އެއަށްފަހު ގޭތެރޭގައި އެ ކުއްޖާގެ ކަންތައްތައް އެންމެ ރަނގަޅު ގޮތުގައި ބެލެހެއްޓޭނެ ގޮތެއް ނެތި ކުއްޖާ މަގުމަތި ވީ ކަމަށް އާއިލާގެ ކަންކަން ދަންނަ މީހަކު މިއަދު ވަން އަށް މައުލޫމާތު ދިނެވެ.

"އެ ކުއްޖާ އާއި އަދި އެއްބަނޑު އެއްބަފާ އިތުރު ކުއްޖަކު ވެސް ހުންނާނެ. އެ ކުއްޖާ ވެސް ވިޔާނުދާ މީހުންނާއެކު އުޅޭކަން ފާހަގަކުރެވޭ. އެ ކުދިންގެ މަންނަ ދަނީ ވަޒީފާއަށް. ދެން ގޭތެރެއަކު ނުހުރޭ އެކުދިން އުޅޭ ނޫޅޭގޮތް ބަލާނެ މީހަކު. އެހެންވެއޭ އަޅުގަނޑު ދަންނަވާނީ އެ ކުދިން ނުބައިމަގުން އެދިޔައީ،" މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ކިޔައިދިނެވެ.

ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ. މި ކުއްޖާ މަރާލައި ފޮއްޓަކަށް ލުމަށްފަހު އެއްލާލައިފައި އޮއްވައި ފެނުނު ހުޅުމާލޭ ފޭސް ދޭއްގެ އިރުމަތީ މޫދު ސަރަހައްދަށް ރޭ ފަތިހު ވަން ގެ ނޫސްވެރީން ދިޔަ އިރު، އެ ސަރަހައްދު ވަނީ ޓޭޕް ދަމައި ބަންދުކޮށްފަ އެވެ. އަދި ފުލުހުން އަންނަނީ ކްރައިމް ސީން ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މަރާލާފައި އޮއްވައި ފެނުނު ކުއްޖާގެ ވަނަވަރު "ވަން" އަށް ކަށަވަރު ވެފައި ވީ ނަމަވެސް އެ މައުލޫމާތު އަދި އާންމުކޮށްފައި ނުވަނީ އެއީ ކުޑަކުއްޖަކަށް ވާތީ އާއި ފުލުހުން އެ މައުލޫމާތު ރަސްމީކޮށް އަދި އާންމުކޮށްފައި ނުވާތީ އެވެ.