ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ ހާޒިރުކޮށް ސުވާލު ކޮށްފިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 241 ކޮމިޓީން ކުރިއަށް ގެންދަނީ މަޖިލިސް ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ފޫ އެޅި ގޮތް ހޯދުމަށް ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަރީއެކެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ، 241 ކޮމިޓީން މިނިސްޓަރު މާރިޔާއާ މިއަދު ސުވާލު ކޮށްފައިވާ ކަމަށެވެ.
އެ ކޮމިޓީން ކުރިއަށްގެންދާ ތަހުގީގަކީ ސިއްރު ކޮށްގެން ކުރިއަށްގެންދާ ތަހުގީގަކަށް ވާތީ އެ ކަމާބެހޭ އިތުރު ތަފްސީލެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
މިނިސްޓަރު މާރިއާގެ އިތުރުން، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާއި ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ކޮމިޓީއަށް ހާޒިރުކޮށް އެ މައްސަލައިގައި ވަނީ ސުވާލު ކޮށްފައެވެ.
އޭގެ އިތުރުން ކޮމިޓީން ކުރިއަށް ގެންދާ ތަހުގީގަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ދެވަނަ ފަހަރަށް އިއްޔެ އެ ކޮމިޓީއަށް ހާޒިރު ކުރުމުގެ އިތުރުން، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި މާލެ ސިޓީގެ ކުރީގެ މޭޔަރު، ޝިފާ މުހައްމަދުވެސް މީގެ ކުރިން ވަނީ ހާޒިރުކޮށްފައެވެ. އަދި ރައީސް ނަޝީދުގެ ބައެއް ބޮޑީގާޑުންވެސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދީފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީ ގެއިން ނުކުމެވަޑައިގެން ނީލޯފަރު ހިނގުމުން ހިނގަވާފައި މަޖީދީމަގުގައި އޮތް ކާރު ކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް، އެތާ ކައިރީގައި ބަހައްޓާފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެންނެވެ.
އެ ހާދިސާގައި ރައީސް ނަޝީދަށް ލިބިވަޑައިގެން ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާ ހޯއްދެވުމަށް މިވަގުތު ހުންނެވީ ޖަރުމަނު ވިލާތުގައެވެ.
241 ކޮމެޓީ
241 ކޮމެޓީ
241 ކޮމެޓީ
241 ކޮމެޓީ