ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ ޕާލިމިންޓަރީ އިންކުއަރީއަށް ބޭނުންވާ މައުލޫމާތު ސާފުކުރުމަށް އެމްއެންޑީއެފްގެ އިސްވެރިން އަނެއްކާވެސް ހާޒިރުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިރޭ ބުނީ ރައީސް ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް މިއަދު ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ.

މިއީ މި ދެބޭފުޅުން އެ ކޮމިޓީއަށް ހާޒިރު ކުރި ދެ ވަނަ ފަހަރެވެ. މީގެ ކުރިންވެސް ދެ ބޭފުޅުން ވަނީ މި މައްސަލައާ ގުޅިގެން ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

ކޮމިޓީން ކުރިއަށް ގެންދާ ތަހުގީގަށް އަބްދުﷲ ޝަމާލާއި އަބްދުއްރަހީމް އަބްދުއްލަތީފް މިއަދު ހާޒިރުކޮށްފައިވާއިރު، މައުލޫމާތު ސާފުކުރުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މާދަމާ އެ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ނިންމައިފައެވެ.

މީގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްގެ އިތުރުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދާއި ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ އިބްރާހިމް އަހުމަދު ނާސިރާއި މާލެ ސިޓީގެ ކުރީގެ މޭޔަރު، ޝިފާ މުހައްމަދުވެސް މީގެ ކުރިން ވަނީ ހާޒިރުކޮށްފައެވެ. އަދި ރައީސް ނަޝީދުގެ ބައެއް ބޮޑީގާޑުންވެސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދީފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީ ގެއިން ނުކުމެވަޑައިގެން ނީލޯފަރު ހިނގުމުން ހިނގަވާފައި މަޖީދީމަގުގައި ގޮތަށް އޮތް ކާރު ކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް، އެތާ ކައިރީގައި ބަހައްޓާފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެންނެވެ.

އެ ހާދިސާގައި ރައީސް ނަޝީދަށް ލިބިވަޑައިގެން ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާ ހޯއްދެވުމަށް މިވަގުތު ހުންނެވީ ޖަރުމަނު ވިލާތުގައެވެ.