އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަޕް ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލާގައި ހެކި ހޯދާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މަހުލޫފް މިގޮތަށް ވިދާޅުވީ އޭނާގެ މައްސަލައިގައި ބަލަންޖެހޭ ކަންކަން ރަނގަޅަށް ބެލުމަށްފަހުގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން މަހުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ވަނީ ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފަ އެވެ. ނަމަވެސް އެ މައްސަލައިގެ ބައެއް ކަންކަން ރަނގަޅުކުރަން ޕީޖީ އޮފީހުން މިހާރު ވަނީ އޭސީސީއަށް އަންގާފަ އެވެ.

މަހުލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖެނުއަރީ 24 ވަނަ ދުވަހު ފުލުހުން އޭނާގެ މައްސަލަ ޑިއުޓީ ޕްރޮސެކިއުޝަން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން ތަހުގީގު ފުރިހަމަ ކުރަން ޕީޖީން އަންގާފައިވާ ކަމަށެވެ. އޭގެ ފަސް މަސް ފަހުން އޭސީސީ އިން ޕީޖީއަށް ހަމަ އެ މައްސަލަ ފޮނުވާފައި ވަނީ އޮތްގޮތަށް އެއްވެސް އިސްލާހެއް އަދި ބަދަލެއް ވެސް ގެނައުމެއް ނެތި ކަމަށް ވިދާޅުވި އެވެ.

"ދައުވާ ކުރިޔަސް އަދި ނުކުރިޔަސް އެއީ ގާނޫނާ ހިލާފަށް ހޯދާފަހުރި ހެކިތަކެއް ކަމުން އަދި ޕީޖީ އެވިދާޅުވާގޮތަށް ދައުވާ ފުރިހަމަވެސް ނުކުރެވޭނެ. އަޅުގަނޑު އެދެނީ އަވަހަށް ގޮތެއް ނިންމަވާ ދެއްވުން،" މަހުލޫފް ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ ވަކި މީހެއް ދެކެ ބިރުގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށާއި މިހާރުވެސް މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންނަށް އޭނާ ދައުވާ ކޮށްފައިވާ ކަމަށެވެ. އަދި ވަކި މީހަކަށް ކަމެއް ފަހި ކޮށްދީގެން އަދި ނުކޮށްދީގެން އޭނާއަށް ލިބޭނެ ފައިދާއެއް އަދި ގެއްލުމެއްވެސް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ދައުވާ ކުރުމާ މެދު ގޮތެއް ނިންމާ އިރު ބަލަންޖެހޭ ކަމެއް ނުބެލި ނައްޓައިގެން ގޮސްފައި ހުރިތޯ ވަރަށް ރަނގަޅަށް ބަލަން ޖެހޭނެ ކަމަށެވެ.

މަހުލޫފްގެ މައްސަލާގައި ދައުވާ ކުރުމާ މެދު ޕީޖީ އޮފީހުން ގޮތެއް ނިންމަންދެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އޭނާ ސަސްޕެންޑުކޮށްފަ އެވެ.

މަހުލޫފްގެ މައްސަލަ ޕީޖީއަށް ފޮނުވުމަށްފަހު އޭސީސީން ނެރުނު ބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33,000.00 އެމެރިކާ ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އޭސީސީން ބުނިގޮތުގައި އެސްއީޒެޑް ބިލް ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން މެލޭޝިޔާގައި ހުރުމަށްފަހު އޮގަސްޓް 27، 2014 ގައި ބޭއްވި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައި ވަނީ ސީދާ މަޖިލީހުގެ ވޯޓަށެވެ.

"ރައްޔިތުންގެ މަޖިލީހުގައި ހްމަދު މަހްލޫފް އެ ބިލަށް ވޯޓު ދީފައިވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށްކަމާއި، އެސްއޯއެފްގެ ޗެކަކުން އަހްމަދު މަހްލޫފުގެ އެކައުންޓަށް 33,000.00 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަހްގީގުން އެނގެންއޮތްއިރު، އެ ވޯޓަށްފަހު އަޙްމަދު އަދީބު އަބްދުލްޣަފޫރު އާއި އަހްމަދު މަހްލޫފް އާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސް.އޯ.އެފް ގެ ޗެކް އަޙްމަދު މަޚްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚްތަކާއި ގުޅުވުމުން، އަހްމަދު މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަހްމަދު އަދީބު، އަޙްމަދު މަހްލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގެއެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.

އެ ފައިސާ އަކީ ޑޮލަރު ގެނެވިއްކުމަށް އެސްއޯއެފްއާ އެކު ކޮށްފައިވާ މުއާމަލާތެއްކަމަށް ވިދާޅުވެ މަހްލޫފްގެ ފަރާތުން އޭސީސީއަށް 'ޕޭމަންޓް ރިސީވްޑް' ލިޔުމެއް ހުށަހެޅި ނަމަވެސް އެ ފައިސާއަކީ ޑޮލަރު ގަތުމަށް ދީފައިވާ ފައިސާކަން ތަހުގީގަށް އެގެން ނެތް ކަމަށް އޭސީސީން ބުންޏެވެ.