އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފެއްދި އެސްޓްރާޒެނެކާ ވެކްސިނަށް ރާއްޖޭގައި ހުއްދަ ދީފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، (އެމްއެފްޑީއޭ) އިން މިއަދު ބުނީ އެސްޓްރަޒެނެކާ އިން އުފައްދާފައިވާ ކޮވިޑް ވެކްސިން އެސްޓްރާޒެނެކާ ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މިއަދު ދީފައިވާ ކަމަށެވެ.
އެމްއެފްޑީއޭ އިން ބުނީ މި ހުއްދަ ދީފައިވާނީ މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށާއި އުމުރުން 18 އަހަރުން މަތީ މީހުންނަށް ވެކްސިން ޖެހުމަށް ކަމަށެވެ.
ރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވާނީ މިކަމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށް އަދި އެ އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަ އާއި މަޝްވަރާއާ އެކު ކަމަށްވެސް އެމްއެފްޑީއޭ އިން ބުންޏެވެ.
މިވެކްސިން ބަހައްޓަން ޖެހޭނީ އަށް ޑިގްރީ އާއި ދެ ޑިގްރީއާ ދެމެދުގެ ފިނިހޫނުމިނުގައެވެ. އެހެންކަމުން މި ވެކްސިނަށް ހުއްދަ ދީފައިވާނީ ވެކްސިން ރާއްޖެ އެތެރެ ކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ވެކްސިން އެތެރެ ކުރުމަށްފަހު، އަދި އެ ހިފާ ގެންގުޅުމުގެ ހުރިހާ މަރުހަލާ އެއްގައިވެސް "ކޯލްޑް ޗެއިން" ބެލެހެއްޓުމަށް ޝަރުތުކޮށްފައި އެމްއެފްޑީއޭ އިން ބުންޏެވެ.
މިއީ ރާއްޖޭގައި ކޮވިޑް ގެ ބަލިމަޑުކަމުގެ މި ހާލަތުގައި ބޭނުންކުރުމުގެ ހުއްދަދީފައިވާ ހަތް ވަނަ ވެކްސިނެވެ. ކޮވިޝީލްޑް ވެކްސިނާއި ސައިނޯފާމް ވެކްސިނާއި މޮޑާނާ، ފައިޒާ، ސްޕަޓްނިކް އަދި ޖޯންސަންގެ ވެކްސިން ހިމެނެއެވެ.
މިވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެމަޖެންސީ ޔޫސް ލިސްޓިންގައި ހިމެނޭ އަދި މިހާތަނަށް 115 ގައުމެއްގައި އެމަޖެންސީ ޔޫސް އެޕްރޫވަލް ލިބި އަދި ބޭނުންކުރަމުންދާ ވެކްސިނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު