އަމާޒަކީ އޯގަސްޓް ފަހެއްގެ ކުރީން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގައި ދައުވާކުރަން ކޯޓަށް ފޮނުވުން ކަމަށް ޕީޖީ ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގާ ބެހޭ މައުލޫމާތު މީޑިއާއާ ހިއްސާ ކުރައްވަމުން ޕީޖީ ޝަމީމު މިއަދު ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމާލެ ތަހުގީގު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.

އެ ތަހުގީގުގައި ފުލުހުންގެ ޓީމަކާއެކު ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރަކު މަސައްކަތް ކުރަމުންދާ ކަމަށާއި އެ މައްސަލައިގެ ހުރިހާ މައުލޫމާތެއް ވަގުތުން ވަގުތަށް ލިބެމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާ ދޭތެރޭ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށްވެސް ޝަމީމު ވިދާޅުވިއެވެ.

"އެ މައްސަލައިގެ ހުރިހާ މައުލޫމާތެއް ހަމަ ވަގުތުން ވަގުތަށް އަޅުގަނޑުމެންނަށް ލިބެމުންވެސް އެބަދޭ. އަޅުގަނޑުމެންގެ އިރުޝާދުވެސް ފުލުހުން އެބަ ހޯއްދަވާ. ރާއްޖޭން ބޭރުގެ ބައެއް އިދާރާތަކުގެ ބައެއް މީހުންގެ އިރުޝާދުވެސް ފުލުހުން އެބަ ހޯއްދަވާ. އެހެންވީމަ އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާ ދޭތެރޭ ޖުމުލަ ގޮތެއްގައި އަޅުގަނޑު ހިތްހަމަޖެހޭ،" ޝަމީމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެފަދަ މައްސަލަތަކަކީ ތަހުގީގު ކުރަން ވަރަށް އުނދަގޫ މައްސަލަތަކެއް ކަމުން ތަހުގީގު އަވަސް އަރުވާލުމުގައި އަދި މައްސަލަ ލަސްކުރުމުގައިވެސް ގޯސްތަކެއް އެބަ ހުރި ކަމަށެވެ.

"އަވަސް އަރުވާލައިފިއްޔާ ދިމާވާނެ މައްސަލައަކީ އަސްލު އެކަމުގައި ބައިވެރިވި ބައެއް މީހުން އަތުނުޖެހި ދިއުން. އެއީ މާ ނުރައްކާތެރި ކަމެއް. ލަސްކޮށްފިއްޔާ ހެކި ނައްތާލުމުގެ ފުރުސަތު އޮންނާނެ. އެހެންވީމާ އޭގަ ޖަޖްމެންޓް ކޯލެއް ނަގަން ޖެހޭނީ. ފުލުހުން އޭގެ ޖަޖްމެންޓުގައި ގޮތެއް ނިންމަން ޖެހޭނީ އެބޭފުޅުންގެ ތަޖުރިބާ އާއި ލިބިވަޑައިގެންފައި ހުރި މައުލޫމާތަށް ނިންމަވައިގެން ކުރިއަށްދާން. އެއްބައި އެއްޗެހި ލިބޭނެ އަނެއްބައި އެއްޗެހި ނުލިބޭނެ، އެގޮތަށް ކުރިއަށްދާން ޖެހޭނީ،" ޝަމީމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އުއްމީދު ކުރަނީ އަންނަ ޖުލައި މަހުގެ ތެރޭގައި އެ މައްސަލައިގެ ތަހުގީގު ނިންމައި ލިޔުންތައް ލިބޭނެ ކަމަށް ކަމަށެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީ ގެއިން ނުކުމުވަޑައިގެން މަޖީދީމަގުގައި އޮތް ކާރު ކޮޅަށް އަރާވަޑައިގަންނަވަނިކޮށް ކާރުކޮޅު ކައިރީގައި ޕާކު ކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގައި އެމަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގަތެވެ. އެ ހަމަލާއާ ގުޅިގެން މިހާތަަނަށް ހަަތަރު މީހަކު ހައްޔަރު ކޮށްފައިވެއެވެ.