ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގު އަވަސް އަރުވާލައިފިނަމަ، އަސްލު ކުށްވެރިންނާ ހަމައަށް ވާސިލު ނުވެވިދާނެ ކަމަށް ޕީޖީ ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
ޕީޖީ ޝަމީމު މިހެން ވިދާޅުވީ، ޕީޖީ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު މަޖިލިސް ރައީސް އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ.
ޝަމީމު ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު މިހާރުވެސް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އެފަދަ މައްސަލަތަކަކީ ތަހުގީގު ކުރަން ވަރަށް އުނދަގޫ މައްސަލަތަކެއް ކަމުން ތަހުގީގު އަވަސް އަރުވާލުމުގައި އަދި މައްސަލަ ލަސްކުރުމުގައިވެސް ގޮންޖެހުންތަކެއް ހުންނާނެ ކަމަށް ވިދާޅުވިއެވެ.
"އަވަސް އަރުވާލައިފިއްޔާ ދިމާވާނެ މައްސަލައަކީ އަސްލު އެކަމުގައި ބައިވެރިވި ބައެއް މީހުން އަތުނުޖެހި ދިއުން. އެއީ މާނުރައްކާތެ ކަމެއް. ލަސްކޮށްފިއްޔާ ހެކި ނައްތާލުމުގެ ފުރުސަތު އޮންނާނެ. އެހެންވީމާ އޭގަ ޖަޖްމެންޓް ކޯލެއް ނަގަން ޖެހޭނީ. ފުލުހުން އޭގެ ޖަޖްމެންޓުގައި ގޮތެއް ނިންމަން ޖެހޭނީ އެބޭފުޅުންގެ ތަޖުރިބާ އާއި ލިބިވަޑައިގެންފައި ހުރި މައުލޫމާތަށް ނިންމަވައިގެން ކުރިއަށްދާން. އެއްބައި އެއްޗެހި ލިބޭނެ އަނެއްބައި އެއްޗެހި ނުލިބޭނެ، އެގޮތަށް ކުރިއަށްދާން ޖެހޭނީ،" ޝަމީމު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައީސް ނަޝީދަަށް ދިން ހަމަލާގެ ތަހުގީގުގައި ފުލުހުންގެ ޓީމަކާއެކު ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގާބެހޭ ހުރިހާ މައުލޫމާތެއް ވަގުތުން ވަގުތަށް ލިބެމުންދާތީ، އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާ ދޭތެރޭ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށްވެސްވި ދާޅުވިއެވެ.
"އެ މައްސަލައިގެ ހުރިހާ މައުލޫމާތެއް ހަމަ ވަގުތުން ވަގުތަށް އަޅުގަނޑުމެންނަށް ލިބެމުންވެސް އެބަދޭ. އަޅުގަނޑުމެންގެ އިރުޝާދުވެސް ފުލުހުން އެބަ ހޯއްދަވާ. ރާއްޖޭން ބޭރުގެ ބައެއް އިދާރާތަކުގެ ބައެއް މީހުންގެ އިރުޝާދުވެސް ފުލުހުން އެބަ ހޯއްދަވާ. އެހެންވީމަ އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާ ދޭތެރޭ ޖުމުލަ ގޮތެއްގައި އަޅުގަނޑު ހިތްހަމަޖެހޭ،" ޝަމީމު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އުންމީދަކީ އަންނަ ޖުލައި މަހުގެ ތެރޭގައި އެ މައްސަލައިގެ ތަހުގީގު ނިންމައި ލިޔުންތައް ލިބި، އޯގަސްޓު ފަހެއްގެ ކުރިން ހަމަލާގައި ދައުވާކުރަން ކޯޓަށް ފޮނުވުން ކަމަށެވެ.
ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީ ގެއިން ނުކުމުވަޑައިގެން މަޖީދީމަގުގައި އޮތް ކާރު ކޮޅަށް އަރާވަޑައިގަންނަވަނިކޮށް ކާރުކޮޅު ކައިރީގައި ޕާކު ކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާގައި އެމަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގަތެވެ. އެ ހަމަލާއާ ގުޅިގެން މިހާތަަނަށް ހަަތަރު މީހަކު ހައްޔަރު ކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު