ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭގައި ނެތި ޝަރީއަތް އެންމެ ރަނގަޅަށް ކުރިޔަށް ގެންދެވޭނެ ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

ޖިންސީ ކުށުގެ ތުހުމަތުތަކެއް ކޮށް، ދައުވާ އުފުލާފައިވަނިކޮށް އަލީ ވަހީދު ވަނީ ރާއްޖެ އިން ބޭރަށް ބޭސްފަރުވާއަށް ފުރައިވަޑައިގެންފައެވެ. ނަމަވެސް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނުކޮށް ހަތަރު މަސް ދުވަހަށް ބޭސްފަރުވާއަށް ދިއުމަށް އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރި މުއްދަތު ވަނީ ހަމަވެފައެވެ.

އަލީ ވަހީދު އަދިވެސް ރާއްޖެ އައިސްފައިނުވާ އިރު، އެ މައްސަލަ އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އޭނާ ވަނީ ކޯޓަށް ސިޓީއެއް ފޮނުވައިފައެވެ. އެކަމާމެދު ގޮތެއް ނިންމުމަށް މިމަހުގެ 10 ވަނަ ދުވަހު އަޑުއެހުމެއް ތާވަލުކުރިއެވެ. ނަމަވެސް ފަހުން ވަނީ އެ އަޑުއެހުން ކެންސަލްކޮށްފައެވެ.

ޕީޖީ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމު ވިދާޅުވީ، ދައުވާ ލިބޭ މީހަކު، ރާއްޖޭގެ ބާރު ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތް ކުރިއަށް ގެންދިއުމަކީ ވަރަށް ބޮޑެެތި ގޮންޖެހުންތަކެއް ހުންނާނޭ ކަމެއް ކަމަށެވެ. އަދި އެއީ ޝަރީއަތް ކުރުމުގެ ނިޒާމާ އެއްކޮށް ހިނގާނެ ކަމެއް ކަމުން، އެފަދަ ކަންކަން ތަންފީޒު ކުރެވޭނެ ނިޒާމެއްވެސް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

"މިސާލަކަށް އޮންލައިން އަޑުއެހުމެއްގައި ރާއްޖޭން ބޭރުގައި ހުރެފައި ކޯޓުގެ ހުރުމަތް ކަނޑާލީ. ދެން ކިހިނެތް ހަދާނީ އަޅުގަނޑުމެން. ވަރަށް ދެރައޭ ހުރުމަތް ކަނޑާލީއޭ. ތަންފީޒު ކުރެވޭ ނިޒާމެއް އޮންނަންޖެހޭ. އެހެން ނޫނީ މިއީ ބޮޑު ޖޯކަކަށޭ ވާނީ," ޝަމީމު ވިދާޅުވިއެވެ.

ޕީޖީ އޮފީހުން އަލީ ވަހީދުއާ މުއާމަލާތް ކުރަންތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޖީ ވިދާޅުވީ، ވަރަށް ހާއްސަ ހާލަތްތަކުގައި މެނުވީ، ދައުވާ ލިބޭ މީހާއާ ޕީޖީ އޮފީހުން ސީދާ މުއާމަލާތެއް ނުކުރާނެ ކަމަށާއި އެއީ ކުރާ ކަމެއްވެސް ނޫން ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ސެކްޝަނުން އަލީ ވަހީދުއާ މުއާމަލާތްތަކެއް ކުރާކަން އެނގިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ. އެ މުއާމަލާތްތައް ކުރަނީ ކިހިނެތް ކަމެއް ނޭނގޭ ކަމަށްވެސް ވިދާޅުވިއެވެ.