ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 75 އަހަރުގެ ފިރިހެނެކެވެ.
މިއީ މިއަދު މި ބަލީގައި މަރުވި ތިން ވަނަ މީހާ އެވެ. މިއަދު ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 41 އަހަރުގެ ދިވެހި ފިރިހެނަކާއި އެ ފެސިލިޓީގައި ފަރުވާދެމުން ދިޔަ 55 އަހަރުގެ އިންޑިއާގެ ފިރިހެނަކު ވެސް މަރުވެފަ އެވެ.
މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 206 އަށް އަރައިފަ އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 190 ދިވެހީންނާއި 16 ބިދޭސީންނެވެ.
މި ބަލީގައި ރާއްޖެއިން އެންމެ ގިނައިން މީހުން މަރުވެފައިވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނި 13 މީހަކު ވަނީ މަރުވެފަ އެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު