ފަރުވާދިނުން ލަސްވުމުގެ ސަބަބުން ކޮވިޑު ބަލީގައި ރާއްޖޭގައި މަރުވި އެންމެ ހަގު ކުއްޖާ ކަމަށްވާ އުމުރުން ދިހަ އަހަރުގެ މިޝްކާ މުހައްމަދުގެ މަރުގެ މައްސަލައާ ގުޅޭ ފައިނަލް ރިޕޯޓާއެކު ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މި ހަފުތާގައި ކޮމިޓީއަށް ހާޒިރުކުރާނެ ކަމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ނައިބް މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

މިޝްކާގެ މަރުގެ މައްސަލައާ ގުޅިގެން މިނިސްޓަރު ނަސީމް ވަނީ މި މަހުގެ ހަތް ވަނަ ދުވަހު ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު އެދިވަޑައިގެންނެވީ އެ މައްސަލައާ ބެހޭގޮތުން ނިންމަންޖެހޭ ކަންކަން ނިންމުމަށް ހަފުތާއެއްހާ ދުވަސް ދިނުމަށެވެ.

ކުރިން ނިންމާފައި އޮތީ އެ ބައްދަލުވުން މިދިޔަ ހަފުތާގައި ބާއްވާށެވެ. ނަމަވެސް އެހެން ކޮމިޓީތަކާ ފުށޫ އަރާތީ މިދިޔަ ހަފުތާގެ ބައްދަލުވުން ވަނީ ކެންސަލް ކޮށްފައެވެ.

މެމްބަރު ޒިޔާދު މިރޭ "ވަން" އަށް ވިދާޅުވީ މިޝްކާގެ މަރުގެ ތަހުގީގުގެ ފުރިހަމަ ރިޕޯޓާއެކު މިނިސްޓަރު ނަސީމް މި ހަފްތާގައި ކޮމިޓީއަށް ހާޒިރު ކުރާނެ ކަމަށެވެ. ނަމަވެސް ހާޒިރު ކުރާނެ ވަކި ދުވަހެއް ނޭނގޭ ކަމަށް ވިދާޅުވިއެވެ.

"ކޮމިޓީގެ ރެގިއުލާ ބައްދަލުވުންތައް އޮންނާނެ ހޯމަ އަދި ބުދަ ދުވަހު. ހީވަނީ އޭގެއިން ދުވަހެއްގައި މިނިސްޓަރު ކޮމިޓީއަށް ހާޒިރު ކުރާނެހެން،" ޒިޔާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިޝްކާގެ މަރުގެ ހާދިސާ ހިނގައިދިޔައީ ކަންބޮޑުވާ ގޮތަކަށް ކަމަށާއި މިކަމާ ގުޅިގެން އާއިލާގެ ވަރަށް ގިނަ ކަންބޮޑުވުންތަކެއްވެސް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް ތަހުގީގު ނުނިމޭތީ، އެފަދަ ކަންކަން ސީދާ ހިނގަން މެދުވެރިވި ސަބަބާމެދު ވަކި އެއްޗެއް ދަންނަވަން ދަތި ކަމަށް ޒިޔާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މިޝްކާގެ މަރުގެ މައްސަލައާ ގުޅިގެން މިހާތަނަށް ކުރިއަށްގެންދިޔަ ތަހުގީގާ ބެހޭ ރިޕޯޓު މިހާރު ނެރެފައިވާ ކަމަށެވެ. އެ ރިޕޯޓުން އެކަމާބެހޭ ތަފްސީލު އެނގިގެންދާނެ ކަމަށާއި އެއިން ވަރަށް ގިނަ ކަންތައްތަކެއް އެނގިގެންދާނެ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު ނަސީމް ވިދާޅުވެފައި ވަނީ އެފަދަ ހާދިސާއެއް ދެން ހިނގިޔަ ނުދިނުމަށް ފިޔަވަޅުތަކެއް މިހާރުވެސް އަޅާފައިވާ ކަމަށާއި އެކަމާ ބެހޭގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅު އަދިވެސް އެބަހުރި ކަމަށެވެ.

މިޝްކާގެ މަރާ ގުޅިގެން ކަން ހިނގާފައިވާ ގޮތް ބެލުމަށް ފަހު ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ ރިޕޯޓުގައި ވަނީ އިހުމާލުގެ އެތައް ކަމެއް ފާހަގަކޮށްފައެވެ. އެގޮތުން އެމަޖެންސީ ހާލަތެއް ކަމުގައި ބެލިފައި ނެތުމާއި، އެފަދަ ހާލަތެއްގައި އަމަލު ކުރާ އުސޫލުން އަމަލުކޮށްފައި ނުވުމާއި، އެމްބިއުލާންސް އައުމަށް ދެ ގަޑިއިރާއި 26 މިނެޓް ހޭދަވުމާއި، މިޝްކާގެ ހާލަތުގެ ސީރިއަސްކަމާއި، އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލް ސެންޓަރަށް ބެލިފައި ނުވާ ކަން ވަނީ ފާހަކޮށްފައެވެ.

ހެލްތު މިނިސްޓްރީގެ ރިޕޯޓުގައި އިހުމާލުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަން ބެލުމަށް ފަހު އެކަން ޖިނާއީ މައްސަލައެއްގެ ގޮތުގައި ބެލުމަށް އާންމު ފަރާތަކުން ވަނީ ފުލުސް އޮފީހުގައިވެސް އެދިފައެވެ.