ޕޯޗުގަލް އާއި ޖަރުމަނުގެ ކުރިމަތިލުމަކީ އާދައިގެ މެޗަކަށް ނުވާނެއެވެ. ޕޯޗުގަލް މެޗަށް ނުކުންނަނީ އެންމެފަހުގެ ޔޫރޯ ޗެމްޕިއަނުންގެ ގޮތުގައެވެ. އަނެއްކޮޅުން ޖަރުމަނަކީ ޔޫރޯ ތާރީހުގައިވެސް އެންމެ ކާމިޔާބު އެއް ޓީމެވެ. ޖަރުމަނާއި ސްޕެއިން އިން ވަނީ މިހައިތަނަށް ތިން ފަހަރަށް ޔޫރޯ ކާމިޔާބު ކޮށްފައެވެ.
ޖަރުމަނުން އެންމެ ފުރަތަމަ ޔޫރޯ ކާމިޔާބުކުރީ 1972 ވަނަ އަހަރު ވެސްޓް ޖާމަނީގެ ގޮތުގައި އޮވެގެންނެވެ. ދުނިޔޭ ފުޓުބޯޅައިގެ ގަދަ ބާރު ޖަރުމަނުން 1976 ވަނަ އަހަރު ޔޫރޯގެ ފައިނަލްވެސް ކުޅުނެވެ. އަދި 1980 ވަނަ އަހަރު ޔޫރޯގެ ތަށި ހޯދިއެވެ. އަނެއްކާވެސް 1996 ވަނަ އަހަރު ޔޫރޯ ހޯދައި ތާރީހުގެ ތެރެއަށް ޖެހިލިއެވެ.
ޕޯޗުގަލްއަށް ކާމިޔާބީ ފެށުނީ ދާދި ފަހުންނެވެ. މިވަގުތު ޔޫރަޕްގައި އޮތް އެންމެ ގަދަރުވެރި ޓީމުތަކުގެ ތެރެޔަށް ޕޯޗުގަލް ޖެހިލީ ޔޫރޯއަށްފަހު ނޭޝަންސް ލީގުވެސް ކާމިޔާބު ކޮށްގެންނެވެ. ތާރީހަށް ބަލާއިރު، 1960 އިން 1980 އާއި ހަމައަށް އެގައުމުން ޔޫރޯއަށް ކޮލިފައި ވެފައެއް ނުވެއެވެ. އެހެންނަވެސް 1984 ވަނަ އަހަރު ކުޅުނު ޔޫރޯގައި ޕޯޗުގަލް ސެމީ ފައިނަލްގައި ވާދަ ކުރިއެވެ. އޭގެ ފަހުން އަނެއްކާވެސް ކޮލިފައި ނުވެގެން ދެ ޔޫރޯ ޕޯޗުގަލްއަށް ގެއްލުނެވެ. ދެން އެނބުރި އައި، 1996 ވަނަ އަހަރުގެ ޔޫރޯގައި ޕޯޗުގަލް ކުއާޓާ ފައިނަލް ކުޅެފައިވެއެވެ.
2000 ވަނަ އަހަރުގެ ޔޫރޯއަކީ އެޓީމުގެ ނަސީބު ބަދަލު ކޮށްލާނެ މުބާރާތް ކަމަށް އެތައް ބަޔަކު ބެލިއެވެ. އެ މުބާރާތުގައި ޕޯޗުގަލްއިން 3-0 އިން ޖަރުމަނު ބަލިކުރި ކުރުން އެއީ އެންމެ ފަހުން ޕޯޗުގަލްއަށް ޖަރުމަނު ބަލިކުރެވުނު މެޗެވެ. 2000 ވަނަ އަހަރުގެ މުބާރާތު ސެމީ ފައިނަލުން ޕޯޗުގަލް ކެޓީ ފްރާންސް އަތްދަށު ވެގެންނެވެ.
އެ މުބާރާތަށްފަހު ޕޯޗުގަލްއަށް ޖަރުމަނުގެ މައްޗަށް މިހައިތަނަށް ކުރި ހޯދިފައެއް ނުވެއެވެ. އޭގެ ފަހުން ޔޫރޯ 2008 އަދި 2012 ގައި ދެޓީމު ވާދަކުރި މެޗުންވެސް މޮޅު ވީ ޖަރުމަނެވެ. އަދި 2014 ވަނަ އަހަރު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައި ޖަރުމަނުން ވަނީ 4-0 އިން ޕޯޗުގަލް ބަލިކޮށްފައެވެ.
އެ ތާރީހަށް ނިމުން ގެންނަން ޕޯޗުގަލް ނުކުންނާނި ޔޫރޯގެ ތާރީހުގައި އެންމެ ގިނަ ގޯލް ޖެހި ކްރިސްޓިއާނޯ ރޮނާލްޑޯގެ މޭސްތެރިކަމުގައެވެ. އަނެއްކޮޅުން އޭނާ ހުއްޓުވަން ހުރީ މިދިޔަ 10 ވަރަކަށް އަހަރު ދުނިޔެ ދުށް އެންމެ ކާމިޔާބު ގޯލްކީޕަރު، ޖަރުމަނުގެ ކެޕްޓަން މެނުއަލް ނޯޔާއެވެ. ގްރޫޕް އެފްގައި މިރޭ ކުޅޭ މެޗު ފޯރިގަދަ މެޗަކަށް ވާނެއެވެ. މެޗު އޮންނާނީ ޖަރުމަނުގެ އެލިއާންޒް އެރީނާގައެވެ.
- ޖަރުމަނުގެ ކޯޗު ޔޮކިމް ލޯ
"ޕޯޗުގަލްގެ އެޓޭކަކީ ހަމައެކަނި ކްރިސްޓިއާނޯ ރޮނާލްޑޯއެއް ނޫން. އެޓީމުގެ އެޓޭކުން ފެންނަ އަނެއް ހަތަރެއް ނޫނީ ފަސް ކުޅުންތެރިންނަކީވެސް ހަމަ އެހާ ހުނަރުވެރި ކުޅުންތެރިން. އޭގެން ކޮންމެ ކުޅުންތެރިޔަކަށްވެސް ބޮޑު މެޗެއްގެ ނަތީޖާ ބަދަލުކޮށްލެވެނޭ. ޓެކްނިކަލީ ކޯޗު ގެންނަ ބަދަލުތަކަށް ހޭނުމަށް އޭގެން ކޮންމެ ކުޅުންތެރިއަކަށްވެސް އެނގޭނެ. އެ ކުޅުންތެރިން ހިފަހައްޓަން އުނދަގޫ ވާނެ. އެ ކުޅުންތެރީންނަށް ބޯޅަ ނުދީ ކުރެވެން އޮތް ކަމެއް ކުރުމަކީ އެންމެ ބޮޑު ޗެލެންޖު،"
- ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް
"އަހަރެމެން ޖަރުމަނު ދެކެ ބިރެއް ނުގަނޭ. ދެޓީމުވެސް ދެޓީމަށް އިހުތިރާމް ކުރާނެކަން އެނގޭ. އެއީ ދެޓީމުގައިވެސް މެޗު އަނބުރައިލެވޭނެ ކުޅުންތެރީން ތިބުމުން. އަހަންނަށް ހީވަނީ މިހާރު ޖަރުމަނާ ދެކޮޅަށް ނުކުންނައިރު ޕޯޗުގަލްއަކީ ފެވަރިޓުންހެން. ޖަރުމަނުގައި ކުޅެން ޖެހޭތީ ހަމައެކަނި އެކަމަށް ކިރިޔާވެސް ސުވާލެއް އޮތީ. އެކަމަކު އެކަމަށް ވިސްނައި ފަސް ޖެހިއްޖެނަމަ މެޗުން ޕޮއިންޓެއްވެސް ނުލިބޭނެ. މިހާރު މިއޮތް ހިސާބުން ޕޯޗުގަލްއަކީ ގަދަރުކުރަން ޖެހޭ ޓީމެއް ކަމަށް އެންމެންވެސް ގަބޫލުކުރާނެ .
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު