Close
ޚަބަރު

ރައީސް ނަޝީދަަށް ދިން ހަމަލާގެ ތަހުގީގަށް އެމްއެމްއޭގެ ގަވަރުނަރު ހާޒިރުކޮށް ސުވާލުކޮށްފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ ތަހުގީގަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ހާޒިރުކޮށް، ސުވާލުކޮށްފިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 241 ކޮމިޓީން ކުރިއަށް ގެންދަނީ މަޖިލިސް ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަރީއެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ، އެ މައްސަލައިގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްގެ އިތުރުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދާއި ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ އިބްރާހިމް އަހުމަދު ނާސިރުއާ ކޮމިޓީން މިއަދު ސުވާލު ކޮށްފައިވާ ކަމަށެވެ.

ކޮމިޓީން ކުރިއަށް ގެންދާ ތަހުގީގުތަަކަކީ ސިއްރު ކޮށްގެން ކުރިއަށް ގެންދާ ތަހުގީގަކަށްވާތީ އެކަމާބެހޭ އިތުރު ތަފުސީލެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ކޮމިޓީން ކުރިއަށް ގެންދާ ތަހުގީގަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިތުރުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި މާލެ ސިޓީގެ ކުރީގެ މޭޔަރު، ޝިފާ މުހައްމަދުވެސް މީގެ ކުރިން ވަނީ ހާޒިރުކޮށްފައެވެ. އަދި ރައީސް ނަޝީދުގެ ބައެއް ބޮޑީގާޑުންވެސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދީފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީ ގެއިން ނުކުމެވަޑައިގެން ނީލޯފަރު ހިނގުމުން ހިނގަވާފައި މަޖީދީމަގުގައި ގޮތަށް އޮތް ކާރު ކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް، އެތާ ކައިރީގައި ބަހައްޓާފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެންނެވެ.

އެ ހާދިސާގައި ރައީސް ނަޝީދަށް ލިބިވަޑައިގެން ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާ ހޯއްދެވުމަށް މިވަގުތު ހުންނެވީ ޖަރުމަނު ވިލާތުގައެވެ.