ޝަރުތުތަކެއް ކުރުމަށްފަހު ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ބަންދުން ދޫކޮށްލައިފި އެވެ.

ސާދަ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކޮށް 42 ދައުވާ އުފުލާފައިވާ އައްމަޓީގެ ޝަރީއަތަށް ފަހު ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިއަށްގެންދިޔަ ބައިގައި އައްމަޓީ އެދިފައިވަނީ ބަންދަށް ލުޔެއް ދިނުމަށެވެ.

މިއަދުގެ ޝަރީއަތުގައި ވެސް އައްމަޓީގެ އެންމެ ބޮޑު ޝަކުވާއަކަށް ވީ އޭނާގެ ބަލި ހާލަތެވެ. މައިބަދައިގެ ދެ ބަދައެއް ފިތި މައި ނާރު ފިތުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހަކު މާފުށީގައި ހުރުމަށްފަހު ބޭސްފަރުވާއަށް މާލެ އައުމަކީ އުނދަގޫ ކަމެއް ކަމަށް އަައްމަޓީ ފާހަގަކުރި އެވެ. އަދި ބުނީ، ޝަރީއަތަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށާއި ފިލައިގެން ވެސް ނުދާނެ ކަމަށެވެ. އެއަށްފަހު އައްމަޓީ އެދުނީ ބަންދަށް ލުޔެއް ދިނުމަށެވެ.

ނަމަވެސް ދައުލަތުން އެކަމަށް އިއުތިރާޒު ކުރިއެވެ. އައްމަޓީ އަކީ މީގެ ކުރީން ވެސް ފިލައިގެން އުޅެފައިވާ މީހެއް ކަމަށާއި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތަތީ އޭނާ ބަންދުން ދޫކޮށްލުމަށް ދައުލަތަށް ނުފެންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ)ގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ، ކުށެއް ކުރިކަމަށް ސާބިތު ނުވާހާ ހިނދަކު އެ މީހަކީ ކުށްވެރިއެއް ނޫން ކަމަށާއި، ތުހުމަތު ކުރެވޭ ހުރިހާ ފަރާތްތަކަށް ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެއިތިއްބުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

"ބަންދުގައި ބަހައްޓައިގެން މި މައްސަލައިގައި ކުރިއަށް ގެންދަން ޖެހޭ ހާލަތު އޮތް ކަމަށް ޝަރީއަތަށް ނުފެންނާތީ ޝަރުތުކޮށްފައި މި ބަންދުން ދޫކޮށްލަނީ،" ގާޒީ ވިދާޅުވި އެވެ.

އެގޮތުން ޝަރީއަތުން ކުރި ޝަރުތަކީ މާލެ އިން ފުރައިގެން ނުދިޔުމެވެ. އަދި އައްމަޓީ ރާއްޖެއިން ބޭރަށް ފުރައިގެން ނުދާނެ ކަން ކޯޓުން ކަށަވަރު ކުރާނެ ކަމަށް ގާޒީ ހަސަން ސައީދު ވިދާޅުވި އެވެ.

"މި ނިންމުން މުރާޖައާ ކުރުމުގެ ފުރުސަތު ދައުލަތަށް އޮންނާނެ،" ނިންމަވައިލައްވަމުން ގާޒީ ވިދާޅުވި އެވެ.