ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ސީލައިފް ގްލޯބަލްއާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަށް ގެނެސްފައިވަނީ ސީލައިފުން އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން މިހެން ބުނެފައި މިވަނީ، ސީލައިފާއެކު ހެދި އެއްބަސްވުމާ ހިލާފުވެފައިވަނީ އެޗްޑީސީއިން ކަމަށާއި ސީލައިފުން އެއްބަސްވުމާ ހިލާފު ނުވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ބުނުމާ ގުޅިގެންނެވެ.
އައްމަޓީ އެހެން ބުނެފައިވަނީ، 14 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް އުފުލާފައިވާ 42 ދައުވާގެ އަޑުއެހުމަށް ފަހު ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައެވެ.
އައްމަޓީގެ މައްޗަށް ކޮށްފައިވާ ހުރިހާ ތުހުމަތުތަކަކަށް ވެސް އިންކާރުކޮށް އޭނާ ބުނީ، ސީލައިފް އާއި ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފަށް އޭނާ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑު ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުގައި ހުރެ އެޗްޑީސީއާއި ސީލައިފް ގްލޯބަލްއާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ،" އައްމަޓީ ބުނެފައިވެއެވެ.
އެ އަޑުއެހުމުގައި އައްމަޓީ ވަނީ އެޗްޑީސީއަށް ގިނަ ތުހުމަތުތަކެއްކޮށްފައެވެ. އެގޮތުން ސީލައިފްގެ ކުންފުނީގެ އެކައުންޓްތަކުގައި ހުރި އެއް މިލިއަން ޑޮލަރު އެޗްޑީސީން ނަގާފައިވާވެސް އައްމަޓީ ބުނެފައިވެއެވެ.
އައްމަޓީގެ ތުހުމަތުތަކާ ގުޅިގެން އެޗްޑީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓުގެ މަޝްރޫއުއެެއް ހިންގުމަށް ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވުނީ 2014 ވަނަ އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު ކަމަށާއި އެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އިމާރާތްކުރުމަށް ކަނޑައެޅުނީ 1،000 ހައުސިން ޔުނިޓްގެ މަސައްކަތް ކަމަށެވެ. ނަމަވެސް އެއްބަސްވުމާއި އެއްގޮތަށް ސީލައިފުން އަމަލުކުރަމުން ނުގެންދިއުމާ ގުޅިގެން 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އެއްބަސްވުން ބާތިލްކޮށްފައިވާނެ ކަމަށެވެ.
އެޗްޑީސީން އެއްބަސްވުމުން ބާތިލް ކުރުމުން ސީލައިފްގެ ފަރާތުން އެ މައްސަލަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ އެޗްޑީސީން އެއްބަސްވުން ބާތިލް ކުރީ އިޖުތާއަތުތައް ފުރިހަމަ ނުކޮށް ކަމުގައިވާތީ އެއްބަސްވުން އަލުން އިޔާދަކުރުމަށެވެ.
އެޗްޑީސީން ބުނީ، ކޯޓުގެ ނިންމުމާއެކު އެޗްޑީސީގެ ފަރާތުން އެއްބަސްވުން އަލުން އިޔާދަކޮށް އެއްބަސްވުމުގައިވާ މުއްދަތުތައް އަލުން ދިނުމާއެކު މަޝްރޫއު ކުރިއަށް ގެންގޮސް ނިންމާލުމުގެ ފުރުސަތު ސީލައިފަށް ދީފައިވާ ކަމަށެވެ. ނަމަވެސް އެފުރުސަތުގައިވެސް ސީލައިފުން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ނުކޮށް އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން 2018 އޮކްޓޫބަރު 25 ވަނަ ދުވަހުގައި އެއްބަސްވުން އަނެއްކާވެސް ބާތިލްކޮށްފައިވާ ކަމަށް ބުންޏެވެ.
އެޗްޑީސީން އިތުރަށް ބުނީ، ސީލައިފް ގްލޯބަލްގެ ފަރާތުން ވަނީ އެ ކޯޕަރޭޝަނަށް އޮޅުވާލައިގެން ނާޖާއިޒް ފައިދާއެއް ހޯދުމުގެ މަގުސަދުގައި ބައިނަލްއަގުވާމީ ބޭންކެއްގެ ނަންމަތީގައި ފޯޖު ކުރެވިފައިވާ ޕާފޯމަންސް ގެރެންޓީއެއް ހުށަހަޅާފައި ކަމަށެވެ. އަދި މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހުގީގުކުރުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ޝަރީއަތަށް ހުޅުވާލައިފައި ކަމަށްވެސް ބުންޏެވެ.
އެޗްޑީސީން ބުނީ ސީލައިފްގެ ފަރާތުން އެއްބަސްވުމާ ހިލާފަށް އެތައް ބައެއްގެ އަތުން ބުކިން ފީގެ އިތުރުން ޑައުންޕޭމަންޓްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ މަކަރާއި ހީލަތުން ނަގައި އެ ފަރާތްތަކަށް އެ ފައިސާ ހަވާލުނުކޮށްގެން، އެ މުއާމަލާތާ ގުޅިގެން ބަދަލު ހޯދުމަށް އެދި އެ ކޯޕަރޭޝަނަށް ހުށަހެޅި 395 މީހުންނަށްއެ ކޯޕަރޭޝަނުން ބަދަލު ހަމަޖެއްސުމަށްޓަކައި ހޭދަކުރަންޖެހުނު ފައިސާ އަނބުރާ ހޯދުމަށް އެދި ސީލައިފްގެ މައްޗަށާއި އެކުންފުނީގެ ޑިރެކްޓަރުންނާއި ހިއްސާދާރުންގެ މައްޗަށް ދައުވާކޮށްފައިވާނެ ކަމަށެވެ.
"މި މަޝްރޫއަކީ ދިވެހި އެތައް ރައްޔިތުންނެއްގެ މަސްލަހަތާއި ގުޅިފައިވާ މަޝްރޫއުއަކަށްވާތީ މި ކޯޕަރޭޝަންގެ ފަރާތުން ވާނީ މި މަޝްރޫއު ކުރިއަށް ގެންދަން ސީލައިފަށް އެކި ފަހަރު މަތިން ފުރުސަތު ދީފައެވެ. ނަމަވެސް ސީލައިފް ގްލޯބަލްއަށް ދެވުނު ހުރިހާ ފުރުސަތެއްގައިވެސް އެފަރާތް ވަނީ މި މަޝްރޫއު ހިންގަން ނުކުޅެދިފައެވެ. އަދި މި މަޝްރޫއު ސީލައިފަށް ކުރިއަށް ގެންދެވިފައި ނުވަނީ މި ކޯޕަރޭޝަންގެ އެއްވެސް އިހުމާލަކުން ނޫން ކަމާއި ސީލައިފާއި އެކުގައި ވެފައިވާ އެއްބަސްވުން ދެ ފަހަރެއްގެ މަތިންވެސް ބާތިލް ކުރީ ސީލައިފުން އެއްބަސްވުމާއި ހިލާފުވެ މަސްރޫއު ކުރިއަށް ނުގެންގޮސް މި ކޯޕަރޭޝަނަށާއި ދިވެހި ރައްޔިތުންނަށް މަކަރާއި ހީލަތުން އޮޅުވާލުމުގެ ސަބަބުންނެވެ." އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގައި ފުލެޓް އިމާރާތް ކުރަން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފުލެޓް އިމާރާތްކޮށް ނުދީ، އަދި އެ ފައިސާ ވެސް ދީފައި ނުވާ މައްސަލައި ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވަނިކޮށް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ލަންކާއިން އޭނާ ހައްޔަރުކޮށް، އިންޓަޕޯލާ ގުޅިގެން ވަނީ ރާއްޖެ ގެނެސްފައެވެ. އޭނާގެ ޝަރީއަތްތައް މިހާރު ފަށާފައިވާއިރު އޭނާގެ މައްޗަށް ވަނީ 14 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކޮށް 42 ދައުވާއެއް އުފުލާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު