އައްޑޫ ސިޓީ މަރަދޫފޭދޫގައި އުމުރުން 26 އަހަރުގެ އަންހެނަކު ގޭބަންދުކޮށްގެން ގަދަކަމުން ގެންގުޅޭ މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ އައްޑޫ ސިޓީ މަރަދޫފޭދޫގައި އަންހެނަކު ބޭރަށް ނުދެވޭ ގޮތަށް ގަދަކަމުން ގެއެއްގައި ގެންގުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ޖެންޑާ މިނިސްޓްރީއާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.
މިޝްފާ ނަމަކަށް ކިޔާ އެ ޒުވާނާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި އޭނާ ގޭބަންދުކޮށްގެން ގެންގުޅެނީ 2015 ވަނަ އަހަރުން ފެށިގެންނެވެ. މިޝްފާ ބުނީ އޭނާއަށް ގެއިން ބޭރަށް ދެވެނީވެސް އޭނާގެ މައިންބަފައިންނާ އެއްކޮށް އެކަނި ކަމަށާއި ގޭގައި ސީސީޓީވީ ކެމެރާ ހަރުކޮށް އިލެކްޓްރޯނިކް ދޮރެއް ހަރުކޮށްފައިވާ ކަމަށެވެ. އަދި ގެއަކީ އޭނާއަށް ޖަލެއް ފަދަ ތަނެއް ކަމަށް ވެސް މިޝްފާ ބުންޏެވެ.
މިޝްފާ އިތުރަށް ބުނީ، 2016 ވަނަ އަހަރު އޭނާ ފިލައިގެން މާލެއަށް ގޮސްފައިވާ ކަމަށާއި މާލެ ދިޔައީ މީހަކާއި އިނުމަށް ކަމަށެވެ. ނަމަވެސް އެކަމަށްވެސް އާއިލާއިން ހުރަސްއަޅާފައިވާ ކަމަށް ބުންޏެވެ.
މިޝްފާ ބުނެފައިވާ ގޮތުގައި ގޭތެރޭގައި އޭނާ ހޭދަކުރަމުންދާ ދުވަސްތަކުގައި ގެވެށިއަނިޔާވެސް ލިބޭ ކަމަށެވެ. އެގޮތުން އޭނާގެ މަންމަގެ ކިބައިންވެސް އަނިޔާ ލިބޭ ކަމަށް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު