ހިޔާ މަޝްރޫއުގެ ދަށުން ހަދާފައިވާ ފްލެޓުތަކަށް ކަރަންޓުލުމުގައި ދަތިތަކެއް އެބަހުރި ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ހިޔާ ފުލެޓްތަކުގެ ކުލީގެ މައްސަލައާ ގުޅިގެން މާލެ ސިޓީ ކައުންސިލާއި ހައުސިން މިނިސްޓްރީ އަދި އެޗްޑީސީން ކުރިއަށް ގެންދިޔަ ބައްދަލުވުމަކަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، ފްލެޓުތަކަށް ކަރަންޓު ލުމަށް އެންމެ ކުރިއްސުރެވެސް ހަވާލުކޮށްފައި އޮތީ ޗައިނާގެ ކުންފުންޏަކާ ކަމަށެވެ.
އެގޮތުން އެ ކުންފުނިން ޓްރާންސްފޯމަރުތައް ރާއްޖެ ގެނެސްފައި ހުރި ނަމަވެސް ފްލެޓުތަކަށް ކަރަންޓު ގެންދިއުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ.
"ޓްރާންސްފޯމަރުތައް އިންސްޓޯލް ކުރަންޖެހޭ ފަރާތްތަކަކަށް ރާއްޖެއަކަށް ނުއެއް އާދެވޭ. އެ ހުއްދައެއް ޗައިނާ ސަރުކާރަކުން ނުއެއް ދޭ. އެމީހުން އެހެން ބަޔަކު ލައްވާ އިންސްޓޯލް ކޮށްފި ކަމަށް ވަންޏާ، ޓްރާންސްފޯމަރުގެ ވޮރަންޓީ ގެއްލެނީ. ސްޓެލްކޯ އިން ތިބީ އެކަންތައް ކޮށްދޭ ގޮތަށް. އެކަމަކު އޭރުން ވޮރެންޓީ ގެއްލުނީ،" އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ، ފްލެޓުތަކުގެ އެގްރިމެންޓުގައި ސޮއިކުރުން އަންނަ މަހުގެ މެދު ތެރޭގައި ފަށައި ފްލެޓުތައް ހަވާލު ކުރިޔަސް، ކަރަންޓު ލުމުގައި އަދިވެސް ދަތިތަކެއް ކުރިމަތިވެއްޖެނަމަ، ފިނިޝިންގެ މަސައްކަތްތައް ކުރުމަށް ދޭ ތިން މަސް ގުނަން ނުފަށާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު