ޚަބަރު

ހިސާނުގެ ބިލް މަޖިލީހަށް ހުށަހަޅަން މަޝްވަރާއެއް ނުކުރޭ: އަދާލަތު

މުއާވިޔަތު އަންވަރު

މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން (ލާދީނީ ކިޔުން) އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން މަޖިލީހަށް ހުށަހެޅުއްވި ބިލާ ގުޅޭ ގޮތުން އަދާލަތު ޕާޓީއާ މަޝްވަރާކޮށްފައި ނުވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލާ ގުޅޭ ގޮތުން ގިނަ ދީނީ އިލްމްވެރިންނާއި އަދާލަތު ޕާޓީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ގާނޫނުލް އުގޫބާތަށް މާއްދާއެއް އިތުރުކުރަން ހުށަހަޅާފައިވާ ބިލަކީ އަދާލަތު ޕާޓީއާ މަޝްވަރާކުރެވިގެން ހުށަހަޅާފައިވާ ބިލެއް ކަމަށް މައުލޫމާތު ފަތުރާތީ ދަންނަވަމެވެ. އިސްވެ ދެންނެވި ބިލު މަޖިލީހަށް ހުށަހެޅުމުގައި އަދާލަތު ޕާޓީއާ އެއްވެސް ސިފައެއްގައި މަޝްވަރާކުރެވިފައި ނުވެއެވެ،" ގިނަ ދީނީ އިލްމްވެރިން އިސް ސަފުގައި ހަރަކާތްތެރިވާ އަދި ސަރުކާރު ހިންގާ ކޯލިޝަނުގައި ވެސް ހިމެނޭ އަދާލަތު ޕާޓީން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ އެ ބިލު އޮތް ގޮތުން މުޖުތަމައުގެ ހަމަޖެހުން ގާއިމުކުރުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް އަދާލަތު ޕާޓީން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ނަފުރަތުގެ އަމަލު ހުއްޓުވަން ޖެހެނީ އޭގެ ސަބަބުން މުޖުތަމައުގައި ފިތުނަ ފަސާދަ އާއި ބައިބައިވުން އުފެދި އިޖުތިމާއީ ހަމަތައް ގެއްލިގެން ދާތީ، މުޖުތަމައުގެ ވިލުންވެރިކަމާއި މަސަލަސްކަން އިތުރުކޮށް، އިސްލާމީ މުޖުތަމައުތަކުގައި ހިފަހައްޓަން ޖެހޭ ރިވެތި އަހުލާގީ ހަމަތައް ހިފަހައްޓަން ކަމަށާއި ނަމަވެސް އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބިލުން މުޖުތަމައުގައި ހަމަޖެހުން ގާއިމުކުރުމަށް ހުރަސް އެޅޭ ކަމަށް ފެންނަ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ހިސާން ހުސެއިން ހުށަހެޅުއްވި ބިލު އިއްޔެ ވަނީ މަޖިލީހަށް ބަލައި ގަނެ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވާފަ އެވެ.