ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހުމަދު ސައީދު މުހައްމަދު ވަކިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.
އިތުބާރުހުރި މަސްދަރަކުން "ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ފެނަކައާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ފެނަކައިގެ ހިންގުމަށް ބަދަލު ގެނައުމަށް ރައީސް ވަނީ ނިންމަވާފަ އެވެ.
އެނގިފައިވާގޮތުގައި ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި ފެނަކައިގެ ހިންގުމަށް ބަދަލު ގެންނާނެއެވެ.
މީގެ ކުރިންވެސް ރައީސް ވަނީ ފެނަކައިގެ ކޮޕަރްޝަނާ ގުޅޭ ވާހަކަތަކެއް ދައްކަވައިފަ އެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަންއާ ގުޅޭ ގޮތުން ހުށަހެޅުނު ވަރަށް ގިނަ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެލުމަށްފަހުގައި ރިޕޯޓެއް ފޮނުވާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ރިޕޯޓުގައި ވަރަށް ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެ ހުރިހާ ކަމަކަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު މިދަނީ އެ ރިޕޯޓުގައި (އޭސީސީގެ ރިޕޯޓުގައި) ހުރި ކަންތައް ބަލާފައި އެކަންތައް އިސްލާހު ކުރުމަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެބަދަލުތައް ގެންނަމުން. އަޅުގަނޑު ދޭނަން އެއަށް ވަގުތު. އަޅުގަނޑު ބުނާނަން ވަކި މުއްދަތެއްގެ ތެރޭގައި މީގަ މި ބުނެފައި ހުރި ކަންތައްތައް ބަދަލުކުރަން ޖެހޭނޭ. އެއަށްފަހުގައި އެ ބަދަލުތައް ނުގެންނަ ކަމަށް ވަންޏާ ދެން އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑު އަޅާނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކޮރަޕްޝަންގެ ކަންކަމުގައި ވަކި ކުންފުންޏެއް ތަފާތު ނުކުރާނެ ކަމަށާއި ބަލަންޖެހޭ ކަންކަން ބަލުމަށްފަހު ކޮންމެ ކުންފުންޏަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ކަންތައްތައް ރަނގަޅު ކުރުމަށް ގިނަ ކަންކަން ކުރަމުން އަންނަ ކަމަށާއި އެކަމުގެ ނަތީޖާ ވެސް ވަރަށް ރަނގަޅު ކަމަށް ވިދާޅުވި އެވެ.
ސައީދު، ފެނަކައިން ވަކި ކުރަން ނިންމަވާފައިވާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ފެނަކަގެ ކޮރަޕްޝަން މައްސަލަތަކެއް ތަހުގީގު ކުރަމުންނެވެ. އެގޮތުން ނަރުދަމާގެ ނިޒާމުގެ މަސައްކަތަށް ކަމުގައި ބުނެ ފެނަކައިން ނުއަގުގައި ހޮޅިތަކެއް ގަތް ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލައެއް މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ހަތް ވަނަ ދުވަހު ވަނީ ބަލަން ފަށައިފައެވެ.
މި ހޮޅިތަކާ ގުޅޭ ކޮމާޝަލް އިންވޮއިސްގެ ކޮޕީއެއް ދައުރުވަމުންދާއިރު، އެއިން އެގޭ ގޮތުގައި އެ ހޮޅިތައް ފެނަކައިން ގަނެފައިވަނީ އަޒްވޯރާ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން އެ ތަކެތި ގަތީ އިންޑިއާގެ ކުންފުންޏަކުން ކަމަށް އޭގައިވެ އެވެ. މި ތަކެތި އިންޑިއާއިން ގަނެފައިވަނީ ހޮޅިއެއް 21.90 ޑޮލަރުގެ މަގުން 700 ހޮޅިއެވެ. ހޮޅިއަކަށް ދިވެހި ރުފިޔާއިން ޖެހޭނީ 337.6 ރުފިޔާއެވެ. ނަމަވެސް ފެނަކައިން އެ ހޮޅިތައް ގަނެފައިވަނީ ހަތް ގުނަ ބޮޑުކޮށް، ހޮޅިއެއް 5،350 ރުފިޔާގެ މަގުން ކަމަށް އެ އިންވޮއިސްގައިވެ އެވެ. އެހެންކަމުން ކޮންމެ ހޮޅިއަކުން 4،640.65 ރުފިޔާގެ ފައިދާއެއް އަޒޯރާ މޯލްޑިވްސް އަށް ލިބިފައިވެ އެވެ.
ފެނަކައިން ނުބައްދަލު ބޮޑު އަގެއްގައި ހޮޅިތައް ގަނެފައިވާއިރު ރާއްޖޭގެ ބާޒާރުގައި އެއަށް ވުރެ އަގުހެޔޮކޮށް ހޮޅި ލިބެން އެބަހުއްޓެވެ. އެގޮތުން އެމްޑަބްލިއުއެސްސީން ހޮޅިވިއްކަން ކޯޓޭޝަން ދީފައިވާ އަގަކީ 1،465 ރުފިޔާއެވެ. އެހެންކަމުން ފެނަކައިން ހޮޅި ގަނެފައިވަނީ ދިވެހި ބާޒާރުގައި ހޮޅި ވިއްކާ އަގަށްވުރެ 3،797 ރުފިޔާ އަގުބޮޑުކޮށް ކަމަށްވެސް ކޮމާޝަލް އިންވޮއިސްގައި ހުރި މައުލޫމާތު ތަކުން ހާމަވެއެވެ.
ފެނަކަ ކޯޕަރޭޝަނާ ގުޅޭ ކޮރަޕްޝަންގެ ބޮޑުތި މައްސަލަތަކެއް އޭސީސީއިން ތަހުގީގު ކުރަމުން އަންނައިރު ފެނަކައަށް މާލީ ގޮތުން ލިބެމުންދާ ކުރިއެރުމަކީ އެކުންފުނީގެ ތެރޭގައި ހިންގަމުންދިޔަ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމުގެ ނަތީޖާ ކަމަށް ސައީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ފެނަކައިގައި ވައްކަމުގެ އެއްވެސް އަމަލެއް ނުވެސް ހިންގޭނެ ކަމަށާއި އެފަދަ ފުރުސަތެއްވެސް އެކުންފުނީގެ ތެރޭގައި ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު