ރެއާލް މެޑްރިޑްގެ ތަރި، ބްރެޒިލްގެ ޑިފެންޑަރު މާސެލޯ ޗުއްޓީގައި ރާއްޖެ އަތުވެއްޖެއެވެ.
އިއްޔެ އިންސްޓާގްރާމް ކޮށްފައިވާ ފޮޓޯއިން އޭނާ ވަނީ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގެ ރީތިކަން ދުނިޔެއަށް ދައްކާލައިފައެވެ. އާއިލާއާއެކު މާސެލޯ، ރިސޯޓުގައި މަޖާ ޗުއްޓީއެއް ހޭދަކުރަމުންދާކަން އިންސްޓާގްރާމް ސްޓޯރީން އެނގިގެން ދެއެވެ. ބައިސްކަލު ދުއްވުމުގެ ބައެއް މަންޒަރުތަކާއެކު މާސެލޯ ވަނީ ހިތްގައިމު ގޮނޑުދޮށާއި، ޖެޓްސްކީގެ މަންޒަރުތަކެއްވެސް ސްޓޯރީގައި ހިއްސާކޮށްފައެވެ.
މާސެލޯ ރާއްޖެ އައިސްފައި ވަނީ ޑުބާއީގައިވެސް އާއިލާއާއެކު ޗުއްޓީގެ ބައެއް ހާދަކޮށްފައެވެ. އިންސްޓާގްރާމްގައި ޑުބާއީގެ މަޝްހޫރު ބައެއް ރެސްޓޯރަންޓްތަކުގައި ކުދިންނާއި އަންހެނުންވެސް މާސެލޯއާއެކު ފެންނަ މަންޒަރުތައް ވަނީ ހިއްސާކޮށްފައެވެ. މާސެލޯގެ އަންހެނުން ކްލެރީސް އަލްވޭސްގެ އިތުރުން މާސެލޯގެ އާއިލާގައި ތިބެނީ ދެކުދިންނެވެ. އެއީ އެންޒޯއާއި ލިއާމްއެވެ.
މާސެލޯއަކީ ފަހުގެ ތާރީހެއްގައި ފެނުނު އެންމެ ކާމިޔާބު ސައިޑް ބެކެވެ. އޭނާ ވަނީ ރެއާލްއާއެކު ފަސް ފަހަރަށް ލީގު ނަގައި ހަތަރު ފަހަރަށް ޗެމްޕިއަންސް ލީގު އުފުލާލައިފައެވެ. އޭގެ އިތުރުން ބްރެޒިލާއެކު އޭނާ ވަނީ ފީފާ ކޮންފެޑެރޭޝަން ކަޕްވެސް ކާމިޔާބުކޮށްފައެވެ. އުމުރުން 33 އަހަރުގެ މާސެލޯއަށް މިހާރު ބްރެޒިލް ގައުމީ ޓީމުން ޖާގަ ލިބުމަށް ވަނީ އުނދަގޫވެފައެވެ. ބެލެވޭ ގޮތުގައި ވަރަށް އަވަހަށް އޭނާ ގައުމީ ޓީމުން ރިޓަޔާކޮށް ކެރިއަރު ފަހު އަހަރުތަކާ ކުރިމަތިލާނެއެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ