މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހެޅީ، އިސްލާމް ދީން ނައްތާލައި ޣައިރު ދީނަށް މަގުފަހި ކުރުމަށް ކަމަށް ބުނާ ބުނުންތަކަކީ ދީނީ ހަމަތަކާއި ބުއްދީގެ ހަމަތަކުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ބިލު ހުށަހެޅުއްވި، ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބިލު ހުށަހަޅުއްވަމުން ހިސާން ވިދާޅުވީ، ސަރުކާރުން ހުށަހަޅާފައިވާ އެބިލު ސްޕޮންސާކުރައްވައި މަޖިލީހަށް ހުށަހެޅުއްވީ، އިންސާނާގެ ލެޔަކީ ހުރުމަތްތެރިވެގެންވާ އެއްޗެއް ކަމަށާއި، މީހަކު މަރަން ގޮވައިގެން ނުވާނެ ކަމަށާއި، މީހަކު ނުރައްކަލަކަށް ހުށަހެޅިދާނެ ކަމެއް ކޮށްގެން ނުވާނެ ކަން އިސްލާމްދީނުގައި ކަނޑައަޅާފައިވާތީ ކަމަށެވެ.
ކުށް ކަނޑައަޅައި، ކުށްވެރިކުރުމާއި ކުށުގެ މައްސަލަ ބެލުމަކީ، ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ތަރަހައިގެ ތެރެއިން ދައުލަތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
މީހުން ކުށްވެރިކޮށް މުޖުތަމައުން އެމީހާއަށް ކުށް ކަނޑައަޅަން ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލުމަކީ މުޅި މުޖުތަމައުގެ އަމްނައަމާންކަން ގެއްލިގެންދާނެ ކަމެއް ކަމަށް ހިސާން ވިދާޅުވިވެ.
ހިސާން ވިދާޅުވީ، މި ބިލު ހުށަހެޅުމުގެ އެންމެ ބޮޑު ބޭނުމަކީ، މުޖުތަމައުގައި މީހުންނާ މެދު ނަފުރަތު އުފައްދައި މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނެ އެމީހާ ކާފަރެއް ކަމުގައި ތަކުރާރުކޮށް ކަނޑައެޅުމުގެ ސަބަބުން އެމީހާއަށް ދިމާވާ ނުރައްކާ ހުއްޓުވުން ކަމަށެވެ.
ދީނުގެ ނަމުގައި ނަފުރަތުގެ ބަސްތައް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން ކުށެއް ނެތް އެތައް ބަޔެއްގެ ލޭ ހުއްދަވާ ކަމަށް ބުނެ، ފަހަކަށް އައިސް ގާނޫނުގެ ބޭރުން މީހުން މެރުން އިތުރު ވެފައިވާ ކަމަށާއި، އެއީ އިސްލާމް ދީނާ ހިލާފު ކަމެއް ކަމަށްވެސް ހިސާން ވިދާޅުވިއެވެ.
އިސްލާމް ދީނުން އެފަދަ ކަންކަން މަނާކޮށްފައިވާކަން ފާހަގަ ކުރައްވައި، ހިސާން ވަނީ އިމާމް ބުހާރީގައި އައިސްފައިވާ އުސާމާ ބިން ޒައިދުގެ ހާދިސާ މިސާލެއްގެ ގޮތުން ވިދާޅުވެދެއްވައިފައެވެ.
މުސްލިމެއްގެ ހިތުގައި އޮންނަ ނިޔަތް ނޭނގޭ ނަމަ އެ މީހަކު ކާފަރު ކުރުމަކީ ދީނާ ހިލާފުކަމެއް ކަމަށް ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ، މި ބިލުން އުފައްދާ ކުށަކީ ނަފުރަތު އުފެއްދުން ކަމަށާއި، އެއީ ހަމައެކަނި ދީނާ ގުޅުވައިގެން ކަނޑައަޅާ ކުށެއް ނޫން ކަމަށާއި، އެމީހާ އުފަންވި ގައުމަށާއި ހަމުގެ ކުލައަށާއި ޖިންސަށް ނުވަތަ ނަސްލަށް ބަަލައިގެންވެސް މީހަކާ މެދު ނަފުރަތު އުފެއްދުން މި ބިލުން މަނާކުރާ ކަމަށްވެސް ވިދާޅުވިއެވެ.
ވަކި މީހަކީ ކާފަރެކޭ ބުނުމަކީ ނަފުރަތު އުފެދޭނެ ކަމެއް، ކަމަށާއި މި ބިލުން ބާރު އަޅަނީ އެފަދަ ތހުމަތުކުރާ ފަރާތެއްގެ މައްސަލަ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ބެލުމަށް ކަމަަށްވެސް ވިދާޅުވިއެވެ.
ހިސާން ހުށަހެޅުއްވި މި ބިލަށް ދިނީ ބައެއް އިލްމުވެރިން ވަނީ ދެކޮޅު ހައްދަވައިފައެވެ. އަދި ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވަނީ މި ބިލުގައި ހިމެނޭ ކަންތައްތައް ކުށްވެރިކޮށް ބަޔާން ވެސް ނެރެފައެވެ.