ބަންގްލަދޭޝްއިން އަންސްކިލްޑް ލޭބަރުން ރާއްޖެ ގެންނަން ހުޅުވައިލުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފުވި ކަމަށް ބުނެ، ހުށަހެޅި މައްސަލަ ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިންއެވެ. މައްސަލައަށް ބަހުސްކޮށް ނިމުމުން، އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވަން ފާސްކުރީ ޖަލްސާގައި ތިއްބެވި 34 މެންބަރުންގެ ތެރެއިން 29 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ތިން މެންބަރުންނެވެ.
ހިސާން ވިދާޅުވީ، އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދަކީ 100،000 ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ އިރު، ރާއްޖޭގައި މިވަގުތު ވެސް 139،220 ބަންގަލަދޭޝް ލޭބަރުން ތިބި ކަމަށް ފޮރިން ލޭބާ ސްޓެޓިސްޓިކްސް އެންޑް އެކްސްޕެޓް ސިސްޓަމް ރިޕޯޓުން ދައްކާ ކަމަށެވެ.
އެހެންކަމުން ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ރާއްޖެއަށް އަންސްކިލްޑް ލޭބަރުންގެ ގޮތުގައި ބަންގްލަދޭޝް މީހުން ގެނެވޭނެ ކަމަށް ހޯމް ލޭންޑް މިނިސްޓަރު ޑިސެމްބަރު 17، 2023 ގައި އިއުލާން ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށްވެސް ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ، އެކަމަކީ ގާނޫނާ ހިލާފަށް ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށް އާންމުން ތުހުމަތުކުރަން ފެށުމުން، އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި ޓުވިޓާއިން ފޮރިން ލޭބާ ރިޕޯޓް ފޮހެލާފައިވާ ކަމަށާއި އެކަމަކީ އިކޮނޮމިކް މިނިސްޓަރުގެ ނުނިޔަތެއް އޮވެގެން ގާނޫނާ ހިލާފަށް ކޮށްފައިވާ އަމަލެއް ކަމަށެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ގޮތުން ބިދޭސީން ވަޒީފާ އަދާކުރުމަށް ރާއްޖެއަށް ގެނައުމަށް ކޯޓާ ދޫކުރުމާއި ވަޒީފާ އަދާކުރުމަށް ހުއްދަ ދިނުމާއި ވަޒީފާ އަދާކުރާ މުއްދަތަށް ރާއްޖޭގައި ހުރުމުގެ ހުއްދަ ދިނުމުގެ އިހުތިޔާރު، އެ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ބަޔާންކުރާ ގޮތުގެ މަތިން ކަމާ ގުޅޭ މިނިސްޓްރީ އަށް ލިބިގެންވެއެވެ.
ރާއްޖޭގައި މަސައްކަތް ކުރަން ބިދޭސީން ގެނައުމަށް ކޯޓާ ދޫކުރުމާއި ހުއްދަ ދިނުމާއި އެކަމާ ގުޅިގެން ކުރަން ޖެހޭ ކަންކަން ރާވައި ހިންގުމަކީ ހޯމް ލޭންޑް މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެކެވެ. ނަމަވެސް ވަޒީފާއާ ބެހޭ ގާނޫނު ތަންފީޒު ކުރުމަށްޓަކައި ހަދަން ޖެހޭ ގަވައިދުތައް ހެދުން ހިމެނެނީ ހަޔާ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްޑް ޑިވަލޮޕްމަންޓުގެ މެންޑޭޓުގައެވެ.
އެހެންކަމުން ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައެޅިގެން ބަޔާން ކޮށްފައި ނުވާހާ ހިނދަކު އެ ގާނޫނުގެ ދަށުން އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތެއް ދެ މިނިސްޓްރީ ދެމެދު ބަހާލައިގެން އަދާ ނުކުރެވޭނެ ކަމަށާއި ވަޒީފާއާ ބެހޭ ކަންތައްތައް އެވަގުތެއްގައި ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތު ހަވާލު ކޮށްފައިވާ މިނިސްޓަރަށް ގާނޫނުން ދީފައިވާ ބާރުގެ ބައެއް އެހެން މިނިސްޓްރީ އަކަށް، ރައީސްއަށް ހަވާލު ނުކުރެއްވޭނެ ކަމަށް ވެސް ހިސާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު