އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް އެ ޕާޓީގެ ކުރީގެ ލީގަލް ޑިރެކްޓާ މަގާމުގައި ހުންނެވި ހިސާން ހުސައިން އައްޔަނުކޮށްފިއެވެ.

އެމްޑީޕީގެ މަގާމުތަކަށް އިންތިހާބު ކުރުމަށް މިރޭ ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ޕާޓީގެ މަގާމުތަކަށް މީހުން އައްޔަންކުރުމަށް ވޯޓު ނެގީ އެ ބައްދަލުވުމުގައެވެ.

އެމްޑީޕީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް އައްޔަނުކޮށްފައިވާ ހިސާނަށް މަރުހަބާ ކިޔައިފައެވެ. އަދި ވަނީ ހިސާން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުއާ ސަލާމް ކުރައްވާ ފޮޓޯ އެއް ވެސް އާންމުކޮށްފައެވެ.

އެމްޑީޕީގެ ނައިބު ރައީސްކަމުގެ މަގާމަށް ހިސާންގެ ނަން ހުށަހެޅުއްވީ ޝާހިދުއެވެ. ޝާހިދު ވިދާޅުވެފައިވަނީ ހިސާންއަކީ އެމްޑީޕީގެ ރައީސްގެ މަގާމަށް ގާބިލު މީހެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެމްޑީޕީގެ ލީޑަޝިޕުގައި އަންހެނުން މަދުވުމަކީ ވެސް ހިސާންގެ ނަން ހުށަހަޅުއްވަން ނިންމެވި ސަބަބެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ހިސާން އެމްޑީޕީއަށް މަސައްކަތް ކުރައްވާތާ މިހާރު 17 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، އޭނާ ވަނީ އެމްޑީޕީގެ އެކި މަގާމުތައް އަދާކުރައްވައިފައެވެ. އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުގައި 12 އަހަރު ވަންދެން ހުރުމަށްފަހު ހިސާން އެ މަގާމު އިސްތިއުފާ ދެއްވީ މިއަދުއެވެ.