ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނުމާބެހޭ ގޮތުން އުފެދުނު ހިޔާލުތަފާތުވުމުގެ ތެރެއިން، އެރަށަށް ސިޓީއެއްގެ ދަރަޖަދެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނުގެ ގަރާރަކުން ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިންކަން އެމަނިކުފާނު އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 30 ގައެވެ.
ނަމަވެސް ގާނޫނު މާނަކުރުމުގައި އުފެދުނު ހިޔާޅުތަފާތުވުންތަކަކާ ގުޅިގެން މިހާތަނަށްވެސް ތިނަދޫ ރަށު ކައުންސިލް އޮތީ ސިޓީ ކައުންސިލަކަށް ބަދަލު ނުވެއެވެ.
އެހެން އޮއްވައި ވެރިކަން ބަދަލުވެ މިހާރު އޮތް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަަމަށްވާ ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފައިވަނީ ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވީ ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބު ބާއްވައި، ސިޓީ ކައުންސިލެއް އިންތިހާބުކުރުމާ ހަމައަށް އެ ރަށުގައި އޮންނާނީ ރަށު ކައުންސިލެއް ކަމަށެވެ.
އެކަމާ ގުޅިގެން ރަށު ކައުންސިލުގެ ދައުރުގެ މެދު ތެރެއިން، ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާ އިރު، ތިނަދޫގެ މިހާރުގެ ކައުންސިލް ވަގުތުން ސިޓީ ކައުންސިލަށް ބަދަލުވެ އެފަދަ ކައުންސިލަކަށް ލިބިދޭ ބާރުތައް އެ ކައުންސިލަށް ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ނިންމިއެވެ.
ނަމަވެސް ގާނޫނު އޮތް ގޮތުން ތިނަދޫގެ މިހާރުގެ ކައުންސިލަށް ސިޓީ ކައުންސިލެއްގެ ހައިސިއްޔަތު ނުދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތުމަތު ފިލްޒާގެ ގާނޫނީ ލަފައެއް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް އެރުވިއެވެ.
އެކަމާ ގުޅިގެން ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހު، ގާނޫނު އިސްލާހު ކުރުމަށް ކޮމިޓީން ނިންމިއެވެ.
އެ ނިންމުމާ ގުޅިގެން ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ލިބޭގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލު ކުރަން އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިންއެވެ.
ގާނޫނުގެ 51 ވަނަ މާއްދާގެ (ށ) (ނ) (ރ) (ބ) އަދި (ކ) އަށް ގެނައި މި އިސްލާހު މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ ޖަލްސާގައި ތިއްބެވި 43 މެންބަރުންގެ ތެރެއިން 42 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު