ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ ތަހުގީގުގައި ބުރަކޮށް އުޅުއްވަން ޖެހިވަޑައިގަންނަވާތީ ކަމަށް، މަޖިލިސް ޖަލްސާގެ ރިޔާސަތު މިހާރު ބަލަހައްޓަވަމުން ގެންދަވާ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އަފީފު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދިން ހަމަލާއިން ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް އެމަނިކުފާނު މިވަގުތު ހުންނެވީ ޖަރުމަނު ވިލާތުގައި ކަމަށެވެ.
އެ ހާދިސާއިން ލިބިވަޑައިގެންނެވި އަނިޔާތަކަށް ހޯއްދަވަމުން ގެންދަވާ ފަަރުވާގެ ތެރެއިން މީގެ ދެދުވަސް ކުރީންވެސް ރައީސް ނަޝީދު ސާޖަރީއެއް ހައްދަވާފައިވާ ކަމަށާއި، މިހާރު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށްވެސް އަފީފު ވިދާޅުވިއެވެ.
އަފީފު އިތުރަށް ވިދާޅުވީ ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހު މަޖިލިސް ރައީސަށް ދިން ހަމަލާއާ ގުޅިގެން، އެ މަނިކުފާނަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗް ވި ގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަރީގެ ބައްދަލުވުންތަކުގައި މަޖިލީހުގެ ނައިބު ރައީސް އުޅުއްވަނީ ވަރަށް ބުރަކޮށް ކަމަށެވެ. އެ ކޮމިޓީގެ ބައްދަލުވުންތައް ބައެއް ދުވަސް ދުވަހު ފެށެނީ ނުވައެއް ޖަހާއިރު ކަމަށާއި އަނެއްބައި ދުވަސްދުވަހު ދިހައެއް ޖަހާއިރު ފެށޭތީ މަޖިލިސް ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ނައިބު ރައީސް އުޒުރުވެރިވެވަޑައިގެންފައިވާ ކަަމަށްވެސް އަފީފު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސަށް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓެވެން ނެތް ހާލަތެއްގައި މަޖިލިސް ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓެވުމަށް، މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރެއިން ފަސް މެންބަރުން އައްޔަން ކުރައްވާފައި ތިއްބަވައެވެ.
މަޖިލިސް ޖަލްސާގެ ރިޔާސަތު މެންބަރު އަފީފު ބަލަހައްޓަވަމުން ގެންދަވަނީ އެ ހައިސިއްޔަތުންނެވެ.
މެންބަރު ހަސަން އަފީފު
މެންބަރު ހަސަން އަފީފު
މެންބަރު ހަސަން އަފީފު
މެންބަރު ހަސަން އަފީފު