ޕޯޗުގަލް ގައުމީ ޓީމް އަދި މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ޖާއޯ ކަންސެލޯއަށް ކޮވިޑް 19 ޖެހުމާއެކު އޭނާ ސްކޮޑުން ބޭރުކޮށްފިއެވެ.
ޕޯޗުގަލްގެ އެންމެ މުހިއްމު އެއް ޑިފެންޑަރު ކަންސެލޯ ކޮވިޑަށް ޕޮޒިޓިވް ކަން ޕޯޗުގަލްއިން އިއުލާން ކުރީ މިއަދުއެވެ. މިވަގުތު އޭނާ އައިސޮލޭޝަންގައި ހުރިއިރު، ކަންސެލޯއާއެކު ޓީމުގައި ތަމްރީނު ކުރާ ސްކޮޑުގެ ބާކީ ކުޅުންތެރީންގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ. ކަންސެލޯގެ ބަދަލުގައި ޕޯޗުގަލްއިން ސްކޮޑަށް ނަގާފައި ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޒުވާން ޑިފެންޑަރު ޑިއޭގޯ ޑަލޮޓެވެ. ލޯން އެއްބަސްވުމެއްގައި ނިމިދިޔަ ސީޒަންގައި ޑަލޮޓް ކުޅުނީ އޭސީ މިލާނަށެވެ.
ސިޓީއާއެކު މިދިޔަ ސީޒަންގެ ޕްރިމިއާ ލީގު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ކަންސެލޯއަކީ މިވަގުތު ދުނިޔޭގައިވެސް އަރިމަތިން ފަހަތަށް ކުޅެން ހުރި އެންމެ މޮޅު އެއް ޑިފެންޑަރެވެ. ޔޫރޯގެ ތަށި ދިފާއުކުރުމަށް ޕޯޗުގަލްއިން ކުރަމުން އަންނަ މަސައްކަތުގައި ކަންސެލޯ ނެތުން ވެގެންދާނީ މާޔޫސް ކަމަށެވެ.
"ކަންސެލޯ ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ރެޕިޑް އެންޓިޖެންޓް ޓެސްޓަކުން. ހަންގޭރީގެ ސިއްހީ އިދާރާތަކަށް މިހާރު ވާނީ ކަންސެލޯގެ ކޭސް ހިއްސާކޮށްފައި. މިވަގުތު ކަންސެލޯ ހުރީ އެކަހެރިކޮށް. ކަންސެލޯ ވަނީ ފަހުންވެސް ޓެސްޓްކޮށްފައި، އޭނާ ޕޮޒިޓިވް ނަމަވެސް އެހެން ހުރިހާ ކުޅުންތެރީންގެ ނަތީޖާ ނެގެޓިވް. ކަންސެލޯގެ ހާލު ރަނގަޅު،" ޕޯޗުގަލްގެ ސްޓޭޓްމަންޓްގައި ވެއެވެ.
ޔޫރޯގައި ޕޯޗުގަލް ހިމެނެނީ ގްރޫޕް އެފްގަ އެވެ. ޕޯޗުގަލްގެ އިތުރުން އެ ގްރޫޕްގައި ކުޅޭނީ ހަންގޭރީ ފްރާންސް އަދި ޖަރުމަނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު