ސަރުކާރު ޖަވާބުދާރީ ކުރުވަން ތިބޭ ބަޔަކު، ސަރުކާރު ހިންގުމުގައި ބައިވެރި ނުކޮށްގެން ޝަކުވާ ކުރުމަކީ ދެރަވަރު ކަމެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
މެންބަރު އަލީ ހުސައިން އެހެން ވިދާޅުވެފައި މިވަނީ، އެމްޑީޕީގެ މަސައްކަތް ދެބައި ވެފައިވާ ކަން ފާހަގަކޮށް އެކަން މެދުވެރިވާން ދިމާވި ސަބަބަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެކަހެރި ކޮށް ސަރުކާރު ހިންގަން އުޅުމުން ކަމަށް އެޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެފައިވަނިކޮށެވެ.
"ސަރުކާރު ހިންގުމުގައި ރައްޔިތުންގެ މަޖިލހުގެ މެންބަރުން ބައިވެރިކޮށް ބައްސައި ހަދާކަށް ނުޖެހޭ. ސަރުކާރު ޒިިންމާދާރު ކުރުވައި ޖަވާބުދާރީ ކުރުވަން ތިބޭ ބަޔަކު ސަރުކާރު ހިންގުމުގައި ބައިވެރި ނުކޮށްގެން ޝަކުވާކުރުމަކީ ދެރަވަރު ކަމެއް،" އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީ ބޭނުންވާ ހުރިހާ ކަމެއް ސަރުކާރުގެ ތެރެއިން ނުވާކަމުގެ ޝަކުވާ އެ ޕާޓީއަށް ނިސަބަތްވާ ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ. އެކަމަށް ރައްދު ދެއްވައި އަލީ ހުސައިން ވިދާޅުވީ، ރައިސުލްޖުމްހޫރިއްޔާ ކަމަށް މީހަކު ހޮވުމުން އޭނާ ވެގެން ދާނީ އެންމެންގެ ރައީސަކަށް ކަމަށެވެ. އަދި ވިދާޅުވީ ހުރިހައި ރައްޔިތުންގެ ލާބަޔާ މަންފާއަށް ޓަކައި މަސައްކަތް ކުރުން ނޫންގޮތެއް ރައީސަކަށް ހައްގުވެގެން ނުވާނެ ކަމަށެވެ.
އެމްޑީޕީގެ މަސައްކަތް ދެބައިވެއްޖެ ކަމަށް އެންމެ ފުރަތަމަ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.
ބިގޭގެ އެ ވާހަކަތަކާއި އެކު ރައީސް ނަޝީދަށް ތާއިދު ކުރައްވާ އެމްޑީޕީގެ މެންބަރުން ދިޔައީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
އެމްޑީޕީގެ މަސައްކަތް ދެބައިވީ އެ ޕާޓީން ވައުދުވި ކަންކަން ކުރަން ސަރުކާރުން ބޭނުން ނުވުމުން ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. އަދި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި އެހެން މައްސަލަތައް ބަލަން ސަރުކާރުން "ފޫކަހާ" ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު