ޔޫރޯ 2020

ތުރުކީ ބަލިކޮށް އިޓަލީން ރޯމް ހެއްވާލައިފި

ޔޫރަޕުގެ ފުޓުބޯޅަ ކާނިވާ، ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗު ހޯމް ގައުމު އިޓަލީ ކާމިޔާބު ކޮށްފިއެވެ.

ޖުމްލަ 11 ސިޓީއެއްގައި ޔޫރޯ ހޯސްޓް ކުރަމުންދާ އިރު، ކުލަގަދަ ރަސްމިއްޔާތަކާއެކު މުބާރާތް ފެށީ އިޓަލީގެ އެންމެ ޝަރަފުވެރި ސިޓީ ރޯމްގައެވެ. ރޯމްގެ އެސްޓާޑިއޯ އޮލިމްޕިކޯގައި މިރޭ ކުޅުނު ގްރޫޕް އޭގެ މެޗު އިޓަލީން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

އިޓަލީން މިރޭގެ މެޗަށް ނުކުތީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައެވެ. އެގައުމުގެ ފުޓުބޯޅަ ހިތްތަކާ ގުޅިފައިވާ ރޯމްގެ އެސްޓާޑިއޯގައި އިޓަލީން ނުކުތީ ފުޓުބޯޅައިގެ ކަޅު ދުވަސްތަކަކަށް ނިމުން ގެންނާށެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ނުވެ އޮތް އޮތުމުގެ މާޔޫސްކަން ފިލުވައިލަން މިފަހަރުގެ ޔޫރޯ އިޓަލީއަށް އިންތިހާއަށް މުހިއްމެވެ.

ކޮލިފިކޭޝަންގެ ރަނގަޅު ރެކޯޑަކާއެކު އިޓަލީން މިފަހަރުގެ މުބާރާތަށް ނުކުތީ އާ ޖީލެއްގެ ފެށުމަށެވެ. މެޗުގެ ފުރަތަމަ 20 ވަރަކަށް މިނެޓުގައި އިޓަލީން އެޓީމުގެ ކުޅުމުގެ ސްޓައިލް ދައްކާލިވެސް މެއެވެ. ތުރުކީގެ ޑިފެންސަށް ބާރު ބޮޑުކޮށް ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަން ފެށިއެވެ.

ހަލުވި ޕާސްތަކަކާއެކު އޭރިއާ ތެރެއަށް ވަދެ ލޮރެންޒޯ އިންސީނިއާ ޖެހި ބޯޅަ ބޭރަށް ދިޔަ ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ސީރޯ އިމޯބިލޭގެ ބާރު ހަމަލާ ބްލޮކްވީ ތުރުކީގެ ޑިފެންޑަރު ސޮޔުންޗީ ގައިގައި ޖެހިފައެވެ. އެ ހަމަލާތަކުގެ ތެރެއިން ތުރުކީއަށް ހަމަ ނޭވައެއް ނުލެވިގެން އުޅެނިކޮށް އިޓަލީގެ ކޯނަރަކުން ޖޯޖިއޯ ޗިއެލީނީ ތުރުކީއަށް ނުރައްކާކުރިއެވެ. ޗިއެލީނީ އޭރިއާ ތެރޭގައި ހުހަށް ހުރެ ފޮނުވާލި ހަމަލާ ގޯލަށް ވަންދަން ދަނިކޮށް ފަހުވަގުތު އަންގި ކޮޅުން ބޭރުކޮށްލީ ތުރުކީ ގޯލްކީޕަރު އުޖާން ޗެކަރެވެ.

އިޓަލީ ފެނުނީ އިޓަލީގެ ސްޓައިލުގައެވެ. ރޫހު ވަރުގަދަ ކޮށެވެ. ފަހަތުން ޗިއެލީނީއާއި ބޮނޫޗީގެ ލީޑާޝިޕާއެކު ޓީމުން ދިޔައީ ގޯލަކަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އަރިމަތިން އިންސީނިއާގެ ހަލުވި ކުޅުން ތުރުކީ ޑިފެންސަށް އުނދަގޫތައް ކުރިމަތިކުރުވަމުން ދިޔަ އިރު، އޭރިއާ ތެރެއިން އިމޯބިލޭ ދިޔައީ ގޯލަކާ ގާތް ކުރަމުންނެވެ. ހާފުގެ ފަހު މިނެޓުގައި ތުރުކީ ޑިފެންޑަރުގެ އަތުގައި އޭރިއާ ތެރެއިން ބޯޅަ ޖެހުމުން ޕެނެލްޓީގެ ޝަކުވާ އިޓަލީން ވަރަށް ބޮޑަށް ކުރި ނަމަވެސް ވީއޭއާރް ބަލައި ރެފްރީ ނިންމީ ހޭންޑް ބޯޅައެއް ނޫން ކަމަށެވެ. ގޯލެއް ނުޖެހި ހުސް އަތާ ހާފް ނިންމާލަން ޖެހުންވީ އިޓަލީގެ ކުޅުމަށް ބަލައި މާޔޫސް ކަމަކަށެވެ.

އިޓަލީން ފުރަތަމަ ހާފު ނިންމާލި ހަލުވި ރާގުގައި ދެވަނަ ހާފުވެސް ފެށިއެވެ. ހަލުވި ޕާސްތަކާއެކު އިޓަލީން ނުރައްކާތައް އިތުރު ކުރިއެވެ. ކުރިއަށް ޖެހި ލީޑުވެސް ނެގިއެވެ. 53 ވަނަ މިނެޓުގައި އަރިމަތިން ބެރާދީ ނެގި ބޯޅަ ގޯލަށް ވަނީ ތުރުކީގެ ޑިފެންޑަރު މެރިހް ޑެމިރަލް ގައިގައި ޖެހިފައެވެ. ސްޓޭޑިއޯ އޮލިމްޕިކޯ ގުގުމާލިއެވެ. 20،000 ސަޕޯޓަރުން އަޑު އިންތިހާއަށް ބާރުވެގެން ދިޔައެވެ.

ޖޯޝާއި ފޯރީގައި ކުޅެމުންދިޔަ އިޓަލީން ގޯލަށް ފަހު ފެނުނީ މާ ބޮޑަށްވެސް ނުރައްކާ ކޮށެވެ. އެޓޭކިން ކުޅުމެއްގައި ތުރުކީ ފަހަތަށް ޖައްސާ އޭރިއާ ތެރެއަށް ގިނަކޮށްލިއެވެ. ކޮންޓްރޯލްގައި ކުޅެ އިޓަލީން މެޗުގެ 66 ވަނަ މިނެޓުގައި ލީޑު ފުޅާކުރިއެވެ. ފޯވަޑް ލައިންގެ އިންޖީނުގެ ގޮތުގައި ކުޅެމުންދިޔަ އިމޯބިލޭގެ ގޯލާއެކު އިޓަލީ ހަމަޖެހިލިއެވެ.

ޔަގީން ކަމާއެކު ކުޅެމުންދިޔަ އިޓަލީން ސްޓޭޑިއަމްގެ ހުރިހާ ސަޕޯޓަރުން ހެއްވާލީ ތިންވަނަ ގޯލަކާވެސް އެކުގައެވެ. މެޗުގެ ތިންވަނަ ގޯލު އިޓަލީއަށް ޖަހައިދިނީ ފުރަތަމަ ހާފުގައި ބޭކާރު ކޮށްލެވުނު ޗާންސަށް ބަދަލު ހިފީ އިންސީނިއާއެވެ. އަރިމަތިން އަރައި ފަސޭހަކަމާއެކު ނިންމާލި ބޯޅަ އަނބުރާލީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ. ވަރަށް ހިތްގައިމު ގޯލެކެވެ.

ފެށުން ވަރުގަދަކޮށް އިޓަލީން ވަނީ މުބާރާތަށް މެސެޖެއް ދީފައެވެ. 2018 ވަނަ އަހަރު ވޯލްޑް ކަޕަށް ކޮލިފައި ނުވި ނަމަވެސް އޭގެފަހުން ކުޅުނު މެޗުތަކުން ހޯދަމުން އައި ނަތީޖާތަކާއެކު މިއަހަރުގެ މުބާރާތުން ފެންވަރު ދައްކާލައިފިއެވެ. އިޓަލީއަކީ ތަށްޓަށް ވާދަކުރެވޭނެ ޓީމެއް ކަމަށް ގިނަ ބަޔަކު ދެކެމުން އައި ދެކުމުގެ ސަބަބު ހާމަކޮށްދީފިއެވެ.

މާދަމާ ރޭ އޮންނަ މެޗުތައް:

18:00 ވޭލްސް - ސްވިޒަލޭންޑް
21:00 ޑެންމާކް - ފިންލޭންޑް
00:00 ބެލްޖިއަމް - ރަޝިއާ