އަލިފުށީ ދާއިރާ މެންބަރު އަދި އެމްޑީޕީ ޕީޖީ ގްރޫޕްގެ ސެކްރެޓްރީ ޖެނަރަލް މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަކީ ސިޔާސީ ތަޖުރިބާ ހުރި ކެރޭ، ހީވާގި ލީޑަރެއް ކަމަށް ވިދާޅުވެ، އެކަމަނާގެ ޅިޔަނުގެ ދިފާއުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ފަސްޓް ލެޑީ ފަޒުނާ އަހުމަދު ނުކުމެވަޑައިގެންފިއެވެ.

ބިގޭ މިއަދު ބައިވެރިވި ރާއްޖެ ޓީވީގެ ޕްރޮގްރާމް ޝެއާ ކުރައްވައި މެޑަމް ފަޒްނާ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޕްރޮގްރާމުގައި އޭނާ ވާހަކަ ދެއްކެވީ އަސްލު މައްސަލައަށް ކަމަށާއި ވަކި މީހަކު މޮޅުކޮށް ނުވަތަ ދެރަކޮށްފައި ނޫން ކަމަށެވެ. އަދި ނިންމުންތައް ނިންމުމުގައި އިސްކަންދެނީ ވަގުތާއި ހާލަތަށް ބަލައި، އެއިރެއްގައި ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ވިދާޅުވެފައިވާ ކަމަށްވެސް މެޑަމް ވިދާޅުވިއެވެ.

"ބިގޭއަކީ ވެސް ބަސްމަދު، އަމަލު ގިނަ، ސިޔާސީ ތަޖުރިބާ ހުރި، ކެރޭ، ހީވާގި ލީޑަރެއްކަން ހާމަވެގެން ހިނގައްޖެ،" މެޑަމް ވިދާޅުވިއެވެ.

މެޑަމް ވިދާޅުވީ ބިގޭ ވަނީ ޓިނު ގޮޅީގައި ހަމަސް ދުވަހު، ބޮޑު ގޮޅީގައި ދެ މަސް އަދި ފަސް އަހަރަށްވުރެ ގިނަ ދުވަސް ޖަލުގައި ހޭދަކުރައްވާފައި ކަމަށެވެ. އަދި އަރުވާލުމުން ގޭ ބަންދުގައި ޒުވާން އުމުރުގެ އެތައް ދުވަހެއް ހޭދަކޮށްފައިވާ ކަމަށްވެސް މެޑަމް ވިދާޅުވިއެވެ.

"ބިގޭގެ މާނައަކީ އަސްލު ބިގް ހެޑް. ކުޑައިރު ބައްޕަ ނިޔާވުމާއެކު ބަފާ އެއްގެ ގޮތުގައި ދެކުނީ ދައްތަގެ ފިރިމީހާ (ބިގޭ). ކޮންމެ ދުވަހަކުވެސް އާކަމެއް ދަސްވޭ ބިގޭގެ ފަރާތުން،" މެޑަމް ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ހުރަސް އަޅަމުންދާ ކަމަށްބުނެ، އެމަނިކުފާނުގެ އެންމެ އަރިސް ބައެއް ބޭފުޅުން ވަނީ ބިގޭއަށް ހޫނު ރައްދުތަކެއް ދެއްވައި، ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފައެވެ.

އެގޮތަށް ތުހުމަތުކޮށްފައިވަނީ ރައީސް ނަޝީދަށް ދިން ހަމަލާގެ އިންކުއަރީއަށް ހުރަސް އަޅާ ކަމުގެ ތުހުމަތުގައި، ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ ބެއްލެވުމަށް ރައީސް ނަޝީދު ހުށަހެޅުއްވުމުން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކް ކޮމެޓީން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައިވާތީއެވެ.

އެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުން އަންނަނީ ބިގޭއަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކަންކަން ބަދަލު ކުރެއްވުމުގައި އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ބިގޭ ކަމަށެވެ. އަދި ކޮމިޓީން އެ މައްސަލަ ބޭރުކޮށްލުމުގައިވެސް އިސް ދައުރެއް އަދާކޮށްފައިވަނީ ބިގޭ ކަމަށް އެފަރާތްތަކުން ތުހުމަތު ކުރެއެވެ.

ރާއްޖެ ޓީވީގައި ބިގޭ މިއަދު ވިދާޅުވީ އޭނާއަކީ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ސެކްރެޓަރީ ޖެނަރަލް ކަމަށާއި ސަރުކާރާއި މަޖިލީހުން އަދި އެހެން ދިމާތަކުން ވެސް މުއާމަލާތު ކުރާނީ އޭނާއާ ކަމަށެވެ. ނަމަވެސް ޑިފެންސް މިނިސްޓަރުގެ ނައިބު ޒަމީލާ ގުޅޭގޮތުން ބޭއްވި އިމްތިޔާޒު ކޮމިޓީގެ މަސައްކަތް އޮތް ދުވަހު ރައީސް ސޯލިހު އޭނާއަށް ނުގުޅުއްވާ ކަމަށާއި އެ ވަގުތު ރައީސް ގުޅުއްވި ނަމަ އެންމެ އިންސާފުވެރި ގޮތެއް ވިސްނަވައި މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތަށް ހިނގައިދިޔަ ކަމެއްގައި ޕާޓީން އައި ފާޑު ކިޔުންތައް ބަލައި ނުގަނެވޭނެ ކަމަށާއި އޭނާ ވެސް ބޭނުން ވަނީ ނަޝީދަށް ދިން ހަމަލާއަށް އިންސާފު ލިބުން ކަމަށެވެ. އަދި މަސައްކަތް ކުރައްވަނީ އެ ނިޔަތުގައި ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަކީ އެއްވެސް މީހަކު ބަލައިގަންނާނެ ކަމެއް ނޫންކަން ފާހަގަކޮށް ބިގޭ ވިދާޅުވީ، އިންސާފާ ހަމައަށް ވާސިލުވުމަށް ފުރޮޅަން ޖެހުނު ކޮންމެ ގާކޮޅެއް ވެސް ފުރޮޅާނެ ކަމަށެވެ.

"ރައީސް ނަޝީދާއި އެއްބަނޑު އެއްބަފާވަންތަ ކަމުގެ ލޯތްބެއް ހަމަގައިމުވެސް އަޅުގަނޑުގެ ހިތުގައި އޮންނަ ބޭފުޅަކަށްވީމަ އެކަމަކަށް ހުރަހެއް ނާޅާނެ ހަމަގައިމު ވެސް އެމްޑީޕީގެ އެއްވެސް ބޭފުޅަކަ ހާއްސަކޮށް އަޅުގަނޑެއް ނާޅާނެ،" ބިގޭ ވިދާޅުވިއެވެ.

ހަމަލާއަށް ފަހު ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިސްތިއުފާއަށް އެމްޑީޕީގެ ބައެއް މެންބަރުން ގޮވަމުންދާއިރު ބިގޭ ވިދާޅުވީ، އެކަމަނާ އަކީ އެމްޑީޕީގެ މަންމަ ކަމަށް ޕާޓީގެ ހުރިހާ މެންބަރުން ވެސް ބަލައިގަންނަ ކަމަށެވެ. އަދި އެމްޑީޕީއާ ރައީސް ނަޝީދަށް ދެރަވާނެ ކަމެއް މާރިޔާ ކޮށްފާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"ރައީސް ނަޝީދަށް ގެއްލުމެއް ލިބިދާނެ ފަދަ ކަމެއް ނުކުރައްވާނެކަން ހިތުގެ އަޑިން ގަބޫލުކުރައްވާނެ އިނގޭތޯ. ސިޔާސީ ބޭނުމަކަށްޓަކައި އިނގިލި ދިއްކުރެވިދާނެ މާރިޔާއާ ދިމާލަށް އަދި އެހެންވަޒީރަކާއި ދިމާލަކަށް ވެސް،" ބިގޭ ވިދާޅުވިއެވެ.

އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއަށް ލިބިވަޑައިގަތް ޒަހަމްތަކަށް ޖަރުމަނުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިޔާސީ ފައިދާއަށްޓަކައި ކުރައްވާ ކަންކަމާއި ވިދާޅުވާ ބަސްފުޅުތައް އޭނާގެ ރަހުމަތްތެރިޔާ އަދި އަލިފުށީ ދާއިރާގެ މެމްބަރަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑަށް ރަނގަޅީ އެހެން ބޭފުޅުން އަޅުގަނޑަށް ބަހައްޓަވާނެ ވަފާތެރިކަމާއި މަދަދުގެ ވާހަކަ އެބޭފުޅާ ނުދެއްކެވިއްޔާ،" ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

ބިގޭއާ މެދު ހިތްހަމަނުޖެހި ހުންނެވި މޭރުމަކުން ރައީސް ނަޝީދު ވާހަކަފުޅުދައްކަވާފައި މިވަނީ، އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއަށް ފަހު ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި ބިގޭ ޓެގް ކުރައްވައި މަޖިލީހުގެ ނައިބު ރައީސް އަދި ރައީސް ނަޝީދުގެ އާއިލީ ބޭފުޅެއް ކަމަށްވާ އީވާ އަބްދުﷲ ވަނީ އިންކުއަރީ ފެއިލްކޮށްލުމަށް މަސައްކަތް ނުކުރެއްވުމަށް އެދިވަޑައިގެންފައެވެ.

ކޮމިޓީގެ އެހެން މެމްބަރުންނަށް ގުޅައިގެން އެކަން ފަނި ނުކުރިޔަސް ބިގޭގެ ސަރުކާރު ދެމި އޮންނާނެ ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.