އެހެން ބޭފުޅުން އެމަނިކުފާނަށް ބަހައްޓަވާނެ ވަފާތެރިކަމާއި މަދަދުގެ ވާހަކަ އަލިފުށީ ދާއިރާ މެންބަރު އަދި އެމްޑީޕީ ޕީޖީ ގްރޫޕްގެ ސެކްރެޓްރީ ޖެނަރަލް މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ނުދެއްކެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއަށް ލިބިވަޑައިގަތް ޒަހަމްތަކަށް ޖަރުމަނުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިޔާސީ ފައިދާއަށްޓަކައި ކުރައްވާ ކަންކަމާއި ވިދާޅުވާ ބަސްފުޅުތައް އޭނާގެ ރަހުމަތްތެރިޔާ އަދި އަލިފުށީ ދާއިރާގެ މެމްބަރަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑަށް ރަނގަޅީ އެހެން ބޭފުޅުން އަޅުގަނޑަށް ބަހައްޓަވާނެ ވަފާތެރިކަމާއި މަދަދުގެ ވާހަކަ އެބޭފުޅާ ނުދެއްކެވިއްޔާ،" ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

ބިގޭއާ މެދު ހިތްހަމަނުޖެހި ހުންނެވި މޭރުމަކުން ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައި މިވަނީ، އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއަށް ފަހު ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ އިންކުއަރީއަށް ހުރަސް އަޅާ ކަމުގެ ތުހުމަތުގައި، ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ ބެއްލެވުމަށް ރައީސް ނަޝީދު ހުށަހެޅުއްވުމުން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކް ކޮމެޓީން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ. އެކަމުގައި ބިގޭއަށް ވަނީ ތުހުމަތުގެ އިނގިލި ދިއްކޮށްފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި ބިގޭ ޓެގް ކުރައްވައި މަޖިލީހުގެ ނައިބު ރައީސް އަދި ރައީސް ނަޝީދުގެ އާއިލީ ބޭފުޅެއް ކަމަށްވާ އީވާ އަބްދުﷲ ވަނީ އިންކުއަރީ ފެއިލްކޮށްލުމަށް މަސައްކަތް ނުކުރެއްވުމަށް އެދިވަޑައިގެންފައެވެ.

ކޮމިޓީގެ އެހެން މެމްބަރުންނަށް ގުޅައިގެން އެކަން ފަނި ނުކުރިޔަސް ބިގޭގެ ސަރުކާރު ދެމި އޮންނާނެ ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.