ޗައިނާގެ ފުޓުބޯޅައިގެ ފެންވަރު އެނގޭ ކަމަށާއި އެގައުމާ ދެކޮޅަށް ކުޅުމަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ފަސޭހަވާނެ ކަމެއް ނޫން ކަމަށް ގައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަން ބުނެފިއެވެ.

ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންގައި ރާއްޖެއިން ކުޅޭ މެޗުތަކުގެ ތެރެއިން ގްރޫޕް ސްޓޭޖުގެ ހަތްވަނަ މެޗުގައި މިރޭ ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. ކުރިން ޗައިނާއާ ދެކޮޅަށް ރާއްޖޭގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ޑުބާއީގައި ރާއްޖެ ގަޑިން މިރޭ 10:00 ގައި ކުޅޭ މެޗުވެސް ރާއްޖެއަށް ވާނީ އުނދަގޫ މެޗަކަށެވެ. އޭޝިއާ ފުޓުބޯޅައަށް ބަލާއިރު ޗައިނާއަކީ ގަދަ ބާރެކެވެ. ކޮވިޑް 19އާ ހެދި ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ވަރަށް ބޮޑަށް ގޯސްކޮށް އޮތް އިރު، ކުރިން ޗައިނާގައި މަސައްކަތް ކުރި ކޫޕްމަންގެ ނަޒަރުގައިވެސް ރާއްޖެއަށް މެޗު ވަރަށް އުނދަގޫ ވާނެއެވެ.

"ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް ޗައިނާ ފަދަ ބޮޑު ގައުމަކާ ދެކޮޅަށް ކުޅުމަކީ އުނދަގޫ ކަމެއް. އަހަންނަށް އެނގޭ ޗައިނާގެ ފުޓުބޯޅަ. ދެ އަހަރު އެގައުމުގައި ކުރި މަސައްކަތުން އެކަން އެނގޭ. މިއީ އުނދަގޫ މެޗެއް ނަމަވެސް ޓީމުން ބުރަކޮށް މަސައްކަތް ކުރާނެ. ފުޓުބޯޅައިގައި ވާނެ އެއްޗެއް ނޭނގޭނެ،" ޑުބާއީގައި ހުރެ ދިން ޕްރި މެޗު ޕްރެސް ކޮންފަރެންސްގައި ކޫޕްމަން ފާހަގަކުރިއެވެ.

ކޫޕްމަން ވަނީ ކުރިން ޗައިނާގައި ކޯޗިން ކެރިއަރުގެ ދުވަސްތަކެއް ހޭދަކޮށްފައެވެ. 2005 އިން 2006 އަށް ޗައިނާގެ ގުއަންޒޫ ސިޓީއަށް ކޫޕްމަން ކޯޗުކޮށްދީފައިވެއެވެ. ޒުވާން ޓީމަކާއެކު ލީގަށް ނުކުމެ ކޫޕްމަން ވަނީ ބައެއް ކުޅުންތެރިންނަށް ގައުމީ ޓީމުގެ ފުރުސަތު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

އެ ހަނދާންތައް އާކުރަމުން ކޫޕްމަން މިދިޔަ ހަފުތާ ކުޅުނު ސީރިއާ މެޗަށްފަހު ބުނެފައިވަނީ ޗައިނާ ފުޓުބޯޅައަށް އޭނާ ބުނެލަން ބޭނުންވާ ވާހަކައެއް އަބަދުވެސް އޮންނަ ކަމަށެވެ. އެއީ ހަމައެކަނި ފައިސާއިން ފުޓުބޯޅަ ނުގަނެވޭނެ ކަމުގެ ވާހަކައެވެ. ކޮވިޑް 19ގެ ހާލަތާއެކު ކޮލިފިކޭޝަން ހުއްޓިފައި އޮތުމަށްފަހު އަލުން ފެށިގެން ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ސީރިއާ އަތުން ބަލިވި އިރު، ޗައިނާ އޮތީ 7-0 އިން ގުއާމް ބަލިކޮށް، ރަނގަޅު ފޯމެއްގައެވެ.

ރާއްޖެއަށް އެންމެ ބޮޑު މައްސަލައަކަށް ދިމާވީ ތައްޔާރީތައް މަދުވުމެވެ. އެކަން ކޯޗު ވަނީ މި މެޗާ ގުޅިގެންވެސް ފާހަގަކޮށްފައެވެ.

"ވަރަށް ރަނގަޅަށް މެޗަށް ތައްޔާރުވާނަން. ތަމްރީނުތަކެއް ނެތި އޮތުމަށްފަހު މެޗުތައް ކުޅެން އުނދަގޫ ނަމަވެސް ރަނގަޅު ފުޓުބޯޅައެއް ކުޅެން މަސައްކަތް ކުރާނަން. ހާލަތު ގޯސް ނަމަވެސް އެކަމާ ކުރެވޭނެ ކަމެއް، ދެއްކޭނެ ބަހަނާއެއް ނޯންނާނެ. ހަރުފަތަކަށް ފަހު ހަރުފަތަކަށް ކުރިއަށް ދާން މި ވިސްނަނީ. ކޮލިފިކޭޝަންގެ މި ތިން މެޗަކީ ޓީމަށް ރަނގަޅު ބިންގަލަކަށް ވާނެ. އަހަރެން އަދިވެސް ދެކެން މިއީ ހާލަތާ ނުބައްދަލުކޮށް އުނދަގޫ ހާލަތެއްގައި ކުޅެން ޖެހޭ މެޗުތަކެއްކަން ރާއްޖެއަށް. އަހަރެމެން ބޭނުންވާ ފުޓުބޯޅައާ ގާތަށްވެސް އަދި ޓީމަށް ނުދެވޭނެ،" ކޫޕްމަން ބުންޏެވެ.

"މިއީ މުސްތަގުބަލަށް އެޅޭނެ ބިންގަލަކަށް ހަދާނަން. އެކަމަކު މި ބުނަނީ ޕްރޮފެޝަނަލީ އަހަރެން ބޭނުންވަނީ މެޗުން މޮޅުވާން، ނޫނީ އެއްވަރު ކުރަން. އެކަމަކު ބަލިވުމަކުން ބަހަނާ ދައްކައި ޝަކުވާއެއް ނުކުރާނަން. އެކަމަކު ބަލަން ޖެހޭނެ ހަގީގަތަކަށް. ޗައިނާއަކީ ވަރުގަދަ ބޮޑު ގައުމެއް. އެކަން ގަބޫލުކުރަން ޖެހޭނެ،" ކޫޕްމަން ޕްރެސްގައި އިތުރަށް ފާހަގަކޮށްފައިވެއެވެ.

ރާއްޖެއިން ސީރިއާ މެޗަށް ނުކުތީ ކޮވިޑް ޖެހުމުގެ ސަބަބުން ޓީމުން އެކަހެރިވި އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ސާމިސް (ތޮއްޕެ) ޓީމުގައި ނުހިމަނައެވެ. އިއްޔެ އެ ދެކުޅުންތެރިންވެސް ޓީމާ ގުޅިފައިވުން ވެގެންދާނީ ކޯޗަށް އުފާވެރި ކަމަކަށެވެ. ހާއްސަކޮށް ރާއްޖޭގެ ތަރި ދަގަނޑޭ ދަނޑުމަތީގައި ހުރުން ވެގެންދާނީ ކޮންމެ ދިވެހި ސަޕޯޓަރަކަށްވެސް ލިބިގެންދާ ބޮޑު އިތުބާރަށެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 53 ގޯލް ޖަހައިދީފައެވެ.