އެއްވެސް ރައްޔިތަކު ސީލައިފް ގްލޯބަލްއަށް ދިން ފައިސާއަށް ހިޔާނާތްތެރިވެފައި ނުވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ބުނެފިއެވެ.
އައްމަޓީ އެހެން ބުނެފައިވަނީ، 14 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް އުފުލާފައިވާ 42 ދައުވާގެ އަޑުއެހުމަށް ފަހު ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.
އައްމަޓީގެ މައްޗަށް ކޮށްފައިވާ ހުރިހާ ތުހުމަތުތަކަކަށް ވެސް އިންކާރުކޮށް އޭނާ ބުނީ، ސީލައިފް އާއި ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފަށް އޭނާ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑު ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުގައި ހުރެ އެޗްޑީސީއާއި ސީލައިފް ގްލޯބަލްއާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ،"
އެއްބަސްވުމާ ހިލާފަށް ސީލައިފުން އެއްވެސް ކަމެއް ކޮށްފައިވާ ކަމުގެ ހެއްކާއި ގަރީނާ ނުހުންނާނެކަން ފާހަގަކޮށް އައްމަޓީ ބުނީ، އެ ކުންފުނިން އެއްވެސް ފައިސާއަކަށް ހިޔާނާތްތެރި ނުވާކަން ފުލުހުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.
"އެގްރީމެންޓާ ހިލާފުވެ އަޅުގަނޑުމެންގެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކަށް ފައިސާ ނުދެވިވަނީ އެޗްޑީސީން އެގްރީމެންޓާ ހިލާފުވެފައިވާތީ. އަޅުގަނޑު ތަކުރާރުކޮށް މުއްދަތު މަޖިލީހުގައި ދަންނަވަމުން މިދަނީ އެޗްޑީސީން އެގްރީމެންޓާ ހިލާފުވި މައްސަލައަށް ރިއާޔަތް ނުކުރައްވަނީ ކީއްވެތޯ. ކީއްވެގެންތޯ ތަން ނުހެދުނީ. މިއީތާ މައްސަލައަކީ،" އައްމަޓީ ބުންޏެވެ.
ސީލައިފުން މީހުންގެ އަތުން ފައިސާ ނަގާފައިވަނީ އެގްރީމެންޓް ހެދުމަށްފަހުގައިކަން ފާހަގަކޮށް އައްމަޓީ ބުނީ، އެ ފައިސާ އޭގެ ހައްގުވެރިންނަށް ނުދެވި ވަނީ އެޗްޑީސީގެ ސަބަބުން ކަމަށެވެ.
އެޗްޑީސީން އެގްރީމެންޓާ ހިލާފުވުމުން ރާއްޖޭގެ ޝަރުއީ ކޯޓުތަކުން އެ ކުންފުންޏާ ދެކޮޅަށް ހުކުމް ކޮށްފައިވާނެ ކަމަށެވެ. އެގޮތުން އެ ކުންފުނީގެ އެކައުންޓްތަކުގައި ހުރި އެއް މިލިއަން ޑޮލަރު އެޗްޑީސީން ނަގާފައިވާ ކަމަށް ވެސް އައްމަޓީ ބުންޏެވެ.
"އަޅުގަނޑުމެންގެ ކުންފުނީގެ ފަރާތުން އެއްވެސް މީހަކު ސީލައިފް ގްލޯބަލްއަށް ދެއްވި ފައިސާއަކަށް ހިޔާނަތްތެރިވެފައެއް ނުވާނެ. އެކަން އަޅުގަނޑު އިއްޒަތްތެރި ގާޒީއަށް ސާބިތުކޮށްދިނުމުގެ ގާބިލުކަން އެބަހުރި،" އައްމަޓީ ބުންޏެވެ.
ހުޅުމާލޭގައި ފުލެޓް އިމާރާތް ކުރަން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފުލެޓް އިމާރާތްކޮށް ނުދީ، އަދި އެ ފައިސާ ވެސް ދީފައި ނުވާ މައްސަލައިގައި އައްމަޓީ ފިލައިގެން ގޮސް އުޅުނީ ސްރީލަންކާގައެވެ. އެ މައްސަލައާ ގުޅިގެން 18 އޭޕްރީލް 2019 ގައި އޭނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސްވެސް ނެރުނެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ލަންކާއިން އޭނާ ހައްޔަރުކޮށް، އިންޓަޕޯލްއާ ގުޅިގެން ވަނީ ރާއްޖެ ގެނެސްފައެވެ.
އައްމަޓީގެ މައްޗަށް އުފުލާފައި ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާއެކެވެ. އެ ދައުވާތައް އައްމަޓީގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 215 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 210 ވަނަ މާއްދާގެ ދަށުންނެވެ. އައްމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު