އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައިގައި ހަފުތާއެއްގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް އެ އޮފީހުން ބުނެފިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އިން މަހްލޫފަށް މަންފާ ލިބުނު ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީން އިއްޔެ ވަނީ ޕީޖީ އޮފީހަށް ފޮނުވައިފައެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު 'ވަން' އަށް ވިދާޅުވީ، މީގެ ކުރިން ވެސް އޭސީސީން އެ މައްސަލަ ޕީޖީއަށް ފޮނުވި ކަމަށާއި ނަމަވެސް އެ ފަހަރު އަނބުރާ ފޮނުވާލާފައިވަނީ ތަހުގީގު ފުރިހަމަ ނުވާތީ ބައެއް ކަންތައްތައް އިސްލާހު ކުރުމަށް ކަމަށެވެ.

"އޭސީސީން އިއްޔެ އެ މައްސަލަ އަލުން ފޮނުވިއިރު އެކަންތައްތައް ވަނީ އިސްލާހު ކޮށްފައި. މިހާރު މިދަނީ މައްސަލަ ދިރާސާކުރަމުން. ހަފުތާއެއްގެ ތެރޭގައި ގޮތެއް ނިންމާނަން،" ޝަފީއު ވިދާޅުވިއެވެ.

އޭސީސީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33,000.00 އެމެރިކާ ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އޭސީސީން ބުނިގޮތުގައި އެސްއީޒެޑް ބިލް ފާސްކުރުމަށް ވޯޓުދިނުމުގެ ގޮތުން މެލޭޝިޔާގައި ހުރުމަށްފަހު އޮގަސްޓް 27، 2014 ގައި ބޭއްވި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައި ވަނީ ސީދާ މަޖިލީހުގެ ވޯޓަށެވެ.

އޭސީސީން ފޮނުވާފައިވާ މައްސަލައިގައި ދައުވާކުރުމާ މެދު ޕްރޮސިކިއުޓާ ޖެނެރަލް ގޮތެއް ނިންމަވަންދެން މަހުލޫފް ސަސްޕެންޑު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވައިފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި މަހުލޫފުގެ ނަން އޮތުމާ ގުޅިގެން އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އޭނާ ގޭގައި މަޑުކުރައްވަން މީގެ ކުރިން ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގަވައިފައެވެ. އެއީ 2019 ވަނަ އަހަރުއެވެ. ނަމަވެސް ހަމަ އެ އަހަރު އޭސީސީން ނިންމާފައިވަނީ މަހްލޫފްގެ ކަރަޕްޝަން މައްސަލައެއް ބަލަމުން ނުދާ ކަމަށެވެ. އެއާ އެކު އޭރު ރައީސް ވަނީ މަހްލޫފްގެ ސަސްޕެންޝަން އުވާލައިފައެވެ.