ވަޒީރަކު މަގާމުން ވަކިނުކޮށް ގާނޫނުއަސާސީން ވަޒީރަށް މަތިކުރާ ދުސްތޫރީ ޒިންމާތަކުން ދުރުކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ކުރީގެ ނާއިބު ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު މިހެން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައާ ގުޅިގެން މިނިސްޓަރު ކަމުގެ މަސްއޫލިއްޔަތުތަކުން މަހުލޫފު އެކަހެރިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމާ ގުޅިގެންނެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު އިއްޔެ ވިދާޅުވީ މަސައްކަތްތަކުން މަހުލޫފު އެކަހެރިކުރުމަށް އަންގާފައިވަނީ އޭނާގެ މައްޗަށް ދައުވާކޮށް ދިނުމަށް އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައިގައި ގޮތެއް ނިންމަންދެން ކަމަށެވެ.
މިކަމާ ގުޅިގެން ޑރ. ޖަމީލު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވަޒީރަކު ސަސްޕެންޑް ކުރިޔަސް ގާނޫނުއަސާސީ ބުނާގޮތުން މަޖިލީހަށް ޖަވާބުދާރީވާން ޖެހެނީ އޭނާ ކަމަށެވެ.
ވަޒީރަކު ސަސްޕެންޑުކުރުމަކީ ގާނޫނުއަސާސީގެ އެއްވެސް މާއްދާއަކުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
"ވަޒީރަކު ވަކިނުކޮށް ގާނޫނުއަސާސީން ވަޒީރަށް މަތިކުރާ ދުސްތޫރީ ޒިންމާތަކުން ދުރުކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް،" ޑރ. ޖަމީލު ވިދާޅުވިއެވެ.
ޑރ. ޖަމީލަކީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި އެމަނިކުފާނުގެ ފުރަތަަމަ ނާއިބު ރައީސެވެ. ނަމަވެސް ވެރިކަމަށް މާގިނަ ދުވަހެއް ނުވެ، ޑރ. ޖަމީލުގެ މައްޗަށް އިތުބާރު ގެއްލުމުގެ ސަބަބުން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ޑރ. ޖަމީލު ނާއިބު ރައީސް ކަމުގެ މަގާމުން ވަކިކުރެއްވިއެވެ.
އޭގެ ފަހުން ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް ނިކުނަންވައި މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް ޑރ. ޖަމީލު މަސައްކަތް ކުރެއްވިއެވެ. ނަމަވެސް މިހާރު އަލުން ރައީސް ޔާމީނާ ގުޅިވަޑައިގެން ޑރ. ޖަމީލު މިހާރު މަސައްކަތްކުރައްވަނީ ރައީސް ސޯލިހުގެ ވެރިކަމާ ދެކޮޅަށެވެ.
މިހާރު ޑރ. ޖަމީލަކީ ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު