ކޮވިޑް 19 އަށް ޕޮސިޓިވް ވުމުގެ ސަބަބުން ޓީމުން އެކަހެރިވެ ތިބުމަށްފަހު ނަތީޖާ ނެގެޓިވް ވެފައިވުމުން ޕްރޮޓޮކޯލް ފުރިހަމަކޮށް އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ސާމިސް (ތޮއްޕެ) އަލުން ޓީމާ ގުޅިއްޖެ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ޑުބާއީގައި އޮންނަ ކޮވިޑް 19ގެ ސިއްހީ ސަލާމަތީ ކަންކަމުގެ ޕްރޮޓޮކޯލް ފުރިހަމަކޮށް، މިހާރު ތޮއްޕެއާއި ދަގަނޑޭ ޓީމުގެ ކޭމްޕާ ގުޅުމަށް ދަތުރު ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ކޮލިފިކޭޝަންގެ ދެމެޗަށްވެސް އެ ދެކުޅުންތެރިން ނެގުމުގެ ފުރުސަތު ކޯޗަށް އޮންނާނެ ކަމަށްވެސް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ދަގަނޑޭ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، އޭރު އޭނާ ހުރީ ޓީމާއެކު ޑުބާއީގެ ކޭމްޕްގައެވެ. ޕްރޮޓޮކޯލްގެ ދަށުން އޭރު ދަގަނޑޭ ވަގުތުން އެކަހެރިވިއެވެ. އޭނާ އެންމެ ފަހުން ޖޫން ހަތަރުވަނަ ދުވަހު ހެދި ޕީސީއާރު ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވްވެފަ އެވެ.

"ވަން" އަށް މައުލޫމާތުދެމުން ދަގަނޑޭ ބުނީ އެދުވަހު ހެދި ޕީސީއާރު ޓެސްޓު ނެގެޓިވްވެ، އަނެއް ދުވަހު ޓީމާ ގުޅެން ތައްޔާރުވި ކަމަށެވެ. އެހެންނަމަވެސް ޑުބާއީގެ ކޮވިޑް 19ގެ އުސޫލުތައް ބުނެފައިވާ ގޮތުން އެ ދެކުޅުންތެރިންވެސް ވަނީ ވަކި ދުވަހެއް ހަމަވަންދެން ޓީމާ ނުގުޅި އެކަހެރިކޮށް މަޑުކޮށްފަ އެވެ.

އުމުރުން 35 އަހަރުގެ ދަގަނޑޭ ޑުބާއީއަށް ދިއުމުގެ ކުރިން ވަނީ ކޮލިފައިން މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމާއެކު ހޮޓެލް ޖެންގައި ކޭމްޕު ކުރުމަށްފަހު، އަންހެނުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެގެން ކޭމްޕުގައި އައިސޮލޭޝަނަށް ގޮސްފައެވެ. ނަމަވެސް އެފަހަރު ކޮވިޑުގެ ނަތީޖާ ނެގެޓިވް ވުމުން އަލުން ޓީމާ ގުޅުނެވެ.

އޭޝިއަން ކަޕުގެ އިތުރުން ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ބާކީ އޮތް މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން އޭއެފްސީން ނިންމާފައިވާ އިރު، އެ މެޗުތައް މިހާރު ކުޅެމުން ދަނީ ޑުބާއީގައެވެ. ޑުބާއީގައި ކުޅެމުންދާ މެޗުތަކުގެ ތެރެއިން މިހާތަނަށް ރާއްޖެއިން ކުޅެފައި ވަނީ ސީރިއާ ދެކޮޅަށެވެ. އެ މެޗު 4-0 އިން ސީރިއާ ކާމިޔާބު ކޮށްފައިވާއިރު، ދެން ދިވެހި ޓީމަށް ބާކީ އޮތީ ދެމެޗެވެ. އެއީ ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާ ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗެވެ.

އެ ދެމެޗަށް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ ދަގަނޑޭގެ ބޭނުން ކުރެވުމަކީ ކޯޗު މާޓިން ކޫޕްމަންއަށް ލިބޭނެ ބޮޑު ހިތްހަމަ ޖެހުމެކެވެ. ދަގަނޑޭއަކީ ގައުމީ ޓީމަށް ރެކޯޑު 53 ގޯލް ޖަހައިދީފައިވާ ކުޅުންތެރިއެކެވެ.

ގްރޫޕްގެ ހަތަރުވަނައިގައި މިވަގުތު ރާއްޖެ އޮތީ ހަ މެޗުން ހަ ޕޮއިންޓާ އެކުގައެވެ. ތިންވަނައިގައި އޮތް ފިލިޕީންސަށް ލިބެނީ ފަސް މެޗުން ހަތް ޕޮއިންޓެވެ. ރާއްޖެއަށް ދެން ކޮލިފިކޭޝަންގައި ކުޅެން އޮތީ ޗައިނާއާއި ފިލިޕީންސާ ދެކޮޅަށެވެ. ތިންވަނަ މަގާމަކީ އޭޝިއަން ކަޕަށް މުހިއްމު މަގާމެކެވެ.

ރާއްޖެއަށް ދެން އޮތް ދެމެޗު:

ޖޫން 11 / ޗައިނާ - ރާއްޖެ

ޖޫން 15 / ފިލިޕީންސް - ރާއްޖެ