އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33,000.00 އެމެރިކާ ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އޭސީސީން ބުނިގޮތުގައި އެސްއީޒެޑް ބިލް ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން މެލޭޝިޔާގައި ހުރުމަށްފަހު އޮގަސްޓް 27، 2014 ގައި ބޭއްވި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައި ވަނީ ސީދާ މަޖިލީހުގެ ވޯޓަށެވެ.

"ރައްޔިތުންގެ މަޖިލީހުގައި ހްމަދު މަހްލޫފް އެ ބިލަށް ވޯޓު ދީފައިވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށްކަމާއި، އެސްއޯއެފްގެ ޗެކަކުން އަހްމަދު މަހްލޫފުގެ އެކައުންޓަށް 33,000.00 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަހްގީގުން އެނގެންއޮތްއިރު، އެ ވޯޓަށްފަހު އަޙްމަދު އަދީބު އަބްދުލްޣަފޫރު އާއި އަހްމަދު މަހްލޫފް އާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސް.އޯ.އެފް ގެ ޗެކް އަޙްމަދު މަޚްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚްތަކާއި ގުޅުވުމުން، އަހްމަދު މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަހްމަދު އަދީބު، އަޙްމަދު މަހްލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގެއެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.

އެ ފައިސާ އަކީ ޑޮލަރު ގެނެވިއްކުމަށް އެސްއޯއެފްއާ އެކު ކޮށްފައިވާ މުއާމަލާތެއްކަމަށް ވިދާޅުވެ މަހްލޫފްގެ ފަރާތުން އޭސީސީއަށް 'ޕޭމަންޓް ރިސީވްޑް' ލިޔުމެއް ހުށަހެޅި ނަމަވެސް އެ ފައިސާއަކީ ޑޮލަރު ގަތުމަށް ދީފައިވާ ފައިސާކަން ތަހުގީގަށް އެގެން ނެތް ކަމަށް އޭސީސީން ބުންޏެވެ.

"މިއީ އަހްމަދު އަދީބު ކިބައިން ރިޝްވަތުގެ ގޮތުގައި އަހްމަދު މަހްލޫފް ހޯދާފައިވާ ފައިސާކަން ހެކިންގެ ބަހުންނާއި، ތަހްގީގަށް ލިބިފައިވާ ހެކި ގަރީނާއިން އެނގެން އޮތަތީ، މި މައްސަލައިގައި ގާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާ މަނާ ކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން، ގ.ހާފްސީ އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީއެވެ،" އޭސީސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ދައުރު ކުރުމަށް ބޭނުންކުރި އެސްއޯއެފްގެ ޗެކުން މަހްލޫފަށް ލިބިފައިވާ ޑޮލަރުގެ ބަދަލުގައި އެ ކުންފުންޏަށް ނަގުދު ފައިސާއިން ދިވެހި ރުފިޔާ ދީފައިވާކަން ދެއްކުމަށް އޭނާ އޭސީސީއަށް ފޮނުވާފައިވާ ސިޓީއަކީ ކަން ހިނގާފައިވާ ގޮތް އޮޅުވާލެއްވުމަށް އޭނާ ކޮށްފައިވާ އަމަލެއްގެ ގޮތުގައި އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ.

އެހެން ކަމުން އެ މައްސަލަ ވެސް ވަކި މައްސަލައެއްގެ ގޮތުގައި ބަލައި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ދައުވާ، މަހްލޫފް މައްޗަށް އުފުލުމަށް އޭސީސީން ވަނީ ޕީޖީ އޮފީހުގައި އެދިފަ އެވެ.

އެ މައްސަލައިގައި އެސްއޯއެފުން ދޫކޮށްފައިވާ ލިޔުމެއް ކަމަށް ދޭހަވާ ގޮތަށް މަހްލޫފްގެ ދިފާއުގައި ގ. ހާފްސީ އަލީ މުބީން ނަމަކަށް ކިޔާ މީހަކު އޭސީސީއަށް ބަޔާން ދީފައިވާތީ އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް ވެސް އޭސީސީން ވަނީ ޕީޖީ އޮފީހުގައި އެދިފަ އެވެ.