މީގެ 23 އަހަރު ކުރިން ހުޅުމާލެއިން ގޯތި ލިބި ބިން ހަވާލުނުކުރެވި އޮތް އަހުމަދު ޒާހިރަށް ބިމެއް ވިއްކުމަށް ނިންމި މައްސަލައިގައި އުސޫލާ ހިލާފަށް އަމަލުކޮށްފައިވޭތޯ ބަލައިދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ހައުސިން މިނިސްޓްރީގެ އިންޓާނަލް މެމޯގައިވާ ގޮތުން ހުޅުމާލެއިން ދޫކޮށްފައިވަނީ 1،250 އަކަފޫޓުގެ ބިމެކެވެ. އެ ބިން ދޫކޮށްފައިވަނީ އަކަފޫޓަކަށް 375 ރުފިޔާގެ މަގުން، ޖުމްލަ 468,750 ރުފިޔާއަށެވެ. އަދި ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ އެޑްވާންސްގެ ގޮތުގައި 50،000 ރުފިޔާ ދެއްކުމަށްފަހު، ބާކީ ފައިސާ ފަސް އަހަރު ދުވަހަށް ބަހާލައިގެންނެވެ.
މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން، 22 ޑިސެންބަރު 2003 ގައި އޭރުގެ މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ހައުސިން އެންޑް އެންވަޔަރަންމަންޓްގެ ދަށުން "މޯލްޑިވްސް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ބޯޑު" މެދުވެރިކޮށް ހިންގި ބޯހިޔާވަހިކަމުގެ ސްކީމެއްގެ ތެރެއިން އަހުމަދު ޒާހިރަށް ހުޅުމާލެ ފޭސް 1 އިން 904 އަކަފޫޓުގެ ބިމެއް 339,000 ރުފިޔާއަށް ލިބިފައިވާކަން ރަސްމީ ލިޔެކިޔުންތަކުން އެނގެއެވެ. ނަމަވެސް، ވޭތުވެދިޔަ އެކި ސަރުކާރުތަކުގައި އެ ގޯތި ހަވާލުކޮށްދިނުމަށް އެދި ތަކުރާރުކޮށް ހުށަހެޅި ނަމަވެސް، މިއަދާ ހަމައަށްވެސް އެ ބިން ހަވާލުކުރެވިފައެއް ނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން މީގެ ގާތްގަނޑަކަށް 23 އަހަރުވީ މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެފަރާތުން އެދެމުންދާތީ، އެފަރާތުގެ ދިރިއުޅުމުގެ ހާލަތަށް ބަލައި، ކުރިން އެއްބަސްވެފައިވާ ކޮމާޝަލް ޓާމްސްތަކާ އެއްގޮތަށް މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ބިމެއް ވިއްކުމަށް ނިންމީ ކަމަށް ބަޔާނުގައިވެއެވެ. މިގޮތުން ވިއްކުމަށް ނިންމި ބިމަކީ ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ އަސާސީ ޝަރުތު ހަމަނުވާ ފަރާތަކަށް ދީފައިވާ ބިމުގެ އެއްބަސްވުން ބާތިލުކުރުމުން ހުސްވި ބިމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި އަހުމަދު ޒާހިރަށް ބިން ވިއްކުމަށް ނިންމާފައިވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން އެފަރާތަށް ލިބިފައިވާ ޕްލޮޓާ ގުޅޭ އެންމެހައި ހައްގުތައް ދޫކޮށްލުމަށް އެއްބަސްވުމުން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މި މައްސަލައިގައި ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް މިނިސްޓްރީން އަމަލުކޮށްފައިވޭތޯ ބަލައިދިނުމަށް އެދި އޭސީސީއަށް ހުށަހެޅުމަށް ނިންމާފައިވާ އިރު، އެފަރާތާއެކު ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ އެ ކޮމިޝަނުގެ ބަހެއް ހޯދައި، އެއްބަސްވުމަށް ގާނޫނީ ލަފާ ހޯދުމަށްފަހު ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
މި މައްސަލައިގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދައުރުވަމުންދާ އެ އިންޓާނަލް މެމޯ ބޭނުންކޮށްގެން ހަގީގަތް އޮޅުވާލަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުށެއް ނެތް މުވައްޒަފެއްގެ އިތުރުން، އިންސާފު ހޯދުމަށް 23 އަހަރު ވަންދެން މަސައްކަތްކުރި އުމުރުން ދުވަސްވީ މީހަކަށްވެސް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
ކޮމެންޓް