ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެ، މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަތް ދުވަހަށް ދަމަހައްޓަން ނިންމައިފިއެވެ.
މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ ނެރުނު ބަޔާނުގައި ވަނީ މާލެ ސަރަހައްދުގައި އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް މާދަމާއިން ފެށިގެން ހަފުތާއަކަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު ހިންގުމާއި އެ ނޫން ވަގުތުތަކުގައި ހުއްދައާ އެކުގައި ނޫނީ ބޭރުގައި ނޫޅެވޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އަދި ކެފޭ/ރެސްޓޯރެންޓްތަކުގެ ޑައިނިންގެ ހިދުމަތް ވެސް ވަނީ މެދުކަނޑާލައިފައެވެ. ނަމަވެސް ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ.
މީގެ އިތުރުން ހުއްދަ ނަގައިގެން ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށް ފިހާރަތަކަށް ގޮސް ވިޔަފާރި ކުރެވޭ ގޮތަށް ހަދައި، ފިހާރަތަކުން ޑެލިވަރީގެ ހިދުމަތްތައް ދެވޭ ގޮތަށްވެސް ވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. އަދި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން މަނާކޮށް، ކޮންސްޓަރަކްޝަން މަސައްކަތްތައް ހުއްޓައިލުމަށްވެސް ވަނީ އަންގައިފައެވެ.
މާލެ ސަރަހައްދުގެ ކޮވިޑުގެ ކޭސްތައް އިތުރުވުމާ ގުޅިގެން، ރަށްރަށުގައި ކޮވިޑް ފެތުރުން ހުއްޓުވުމަށްޓަކައި ޒަރޫރީ ބޭނުންތަކަށް ފިޔަވައި މާލެއިން އަތޮޅުތަކަށް ދަތުރުކުރުމުގެ ހުއްދަ ދިނުން ވެސް ވަނީ މެދުކަނޑާލައިފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވަމުން އައި ނަމަވެސް، އާ އާންމު ހާލަތަކަށް ދެވޭ ވަރަށް ވުރެ ހާލަތު ގޯސް ކަމަށެވެ. އެގޮތުން ކޮވިޑް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ލަފައާއެކުގައި އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރަން ޖެހޭ ކަމަށް. އަދި ނިއު ނޯމަލްއަކަށް ދިއުމަށްޓަކައި ދެ ހަފުތާ ވަރު ބޭނުންވާ ކަމަށް. އަދި މިހާރު އަޅާފައިވާ ފިޔަވަޅުތައް ދެ ހަފުތާ ނިމުމުން އިތުރު އެެއް ހަފުތާއަށް ރެސްޓްރިކްޝަންތަކާއެކު އިތުރު ކުރާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ފިޔަވަޅުތަކަށް ލުއިދޭނީ އިތުރު އެއް ހަފުތާއަށް ބެލުމަށް ފަހުގައި ކަމަށް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު