ގެއްލިގެން ހޯދަމުން އަންނަ ހދ. ނޮޅިވަރަންފަރު، މޯނިން ސަން، މިސްބާހު މުހައްމަދު، ޕާކިސްތާނުގައި ހުންނަ ދިވެހި އެމްބަސީއަށް ދިޔަ އިރު އޭނާގެ އަތުގައި ގިނަ އަދަދެއްގެ ފައިސާ ހުރި ކަމަށް "ވަން" އަށް އެނގިއްޖެ ލިބިއްޖެ އެވެ.

އިތުބާރު ހިފޭ މަސްދަރަކުން "ވަން" އަށް މައުލޫމާތު ދިން ގޮތުގައި މިސްބާހު އެމްބަސީއަށް ގޮސްފައިވަނީ މާޗު މަހުގެ ފަހުކޮޅުގަ އެވެ. އޭނާ އެމްބަސީއަށް ދިޔައީ ވިސާ ހަމަ ވެ، ޕާކިސްތާނުން ބޭރު ވެވޭނެ ގޮތެއް ނެތިގެންނެވެ. އެއިރު އޭނާގެ އަތުގައި ގިނަ އަދަދެއްގެ ފައިސާ ހުރި ކަމަށް މައުލޫމާތު ލިބެއެވެ.

"ވަން" އަށް މައުލޫމާތު ދިން ފަރާތުން ބުނީ މިސްބާހު ގެންގުޅުނު ފައިސާގެ އަދަަދަށް ބަލާއިރު އޭނާ ހުރީ ބޭރުގެ ޑްރަގް ނެޓްވޯކެއްގައި ރަހުނެއްގެ ގޮތުގައި ބަހައްޓާފައި ކަމަށް ނުބެލެވޭ ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މިސްބާހު ހުރީ ބޭރުގެ ޑްރަގް ނެޓްވޯކެއްގައި ރަހުނެއްގެ ގޮތުގައި ބަހައްޓާފައި ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެކަން މިސްބާހު ވަނީ ދޮގުކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ދިހަ ސިކުންތުގެ ކުރު ވީޑިއޯއެއްގައި ކަޅު ކުލައިގެ އަވި އައިނެއް އަޅައިގެން، ރީނދުލާއި ކަޅު ކުލައިގެ އަތް ދިގު ގޮޅި ޖެހި ގަމީހެއް ލައިގެން ހުރި މިސްބާހު ބުނެފައިވަނީ، އޭނާއޭ ކިޔައިގެން ފުލުހުން ހަދަނީ ހުސް ދޮގު ކަމަށެވެ. އަދި މަޑުމޮޅި ރާގަކަށް އޭނާ ބުނަނީ، އެއީ ޑްރަގުގެ ނެޓްވޯކަކާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން "ވަން" އިން ފުލުހުންނާ ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ވީޑިއޯ އިން ފެންނަނީ މިސްބާހުކަން ކަށަވަރު ކުރެވޭ ކަމަށާއި، އެ މައްސަލައާ ގުޅިގެން މީގެ ކުރިން ހިއްސާކޮށްފައިވާ މައުލޫމާތުތަކަކީ ފުލުހުންނަށް ކަށަވަރު ކުރެވޭ މައުލޫމާތު ތަކެއް ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނީ، މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ 10:13ގައި ފްލައި ދުބާއީގެ ފްލައިޓުން ދުބާއީއަށް މިސްބާހު ފުރާފައިވާ ކަމަށާއި އެކަން އިމިގްރޭޝަންގެ ރެކޯޑުތަކުން ދައްކާ ކަމަށެވެ. އަދި އޭނާ ދުބާއީއަށް ގޮސްފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކުތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއާ އެކު ކަމަށްވެސް ފުލުހުން ބުންޏެވެ.

އިރުފާން ތަގިއްޔު ވަނީ ޑިސެމްބަރު އަށްވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައެވެ. އޭނާއާއެކު ޖުމުލަ 10 މީހެއްގެ މައްޗަށް ވަނީ ދައުވާވެސް އުފުލައިފަ އެވެ.

ފުލުހުން ބުނީ އިރުފާން ތަގިއްޔު އާއި މިސްބާހް މުހައްމަދު ދުބާއީއަށް ފުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ، 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ތަގިއްޔު ދުއްވާ ކާރެއް ކަމަށްވާ "AB1B P1939" ގައި ކަމަށެވެ.

ފުލުހުން ބުނީ އިރުފާން ތަގިއްޔު މިދިޔަ އަހަރުގެ ނޮވެމްބަރު 22 ވަނަ ދުވަހު އެމިރޭޓްސްގެ ފްލައިޓުން އެނބުރި ރާއްޖެ އައިސްފައިވާ ކަމަށާއި ނަމަވެސް އިރުފާނާއެކު މިސްބާހު ރާއްޖެ އައިސްފައި ނުވާ ކަމަށެވެ. އަދި މިސްބާހު، ނޮވެމްބަރު 23 ވަނަ ދުވަހު ފްލައި ދުބާއީގެ ފްލައިޓުން ދުބާއީ އިން ޕާކިސްތާނަށް ފުރާފައިވާކަން ތަހުގީގުގައި ހޯދިފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް މިހާރު މިސްބާހު ހުރި ތަނެއް އާއިލާއަށް އަދި ފުލުހުންނަކަށް ވެސް ނޭނގެއެވެ.