ދަތުރުދާ ރަށަކަށް ފަރުކޮޅުފުށި ހެދުމާ ބެހޭ އެއްވެސް މަޝްވަރާއެއް ސިޓީ ކައުންސިލުން ސަރުކާރާ ނުކުރާ ކަމަށާއި އެއީ ހުޅުމާލޭގެ ބައެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަތުރުދާ ރަށަކަށް ފަރުކޮޅުފުށި ހެދުމަށް ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ރޭ ވަނީ އިއުލާންކުރައްވައިފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ފަރުކޮޅުފުށި ދަތުރުދާ ރަށަކަށް ހެދުމުގެ އެއްވެސް މަޝްވަރާއެއް ސިޓީ ކައުންސިލުން ސަރުކާރާ ކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަކާއި އެކަމާ ގުޅިގެން ސިޓީ ކައުންސިލުން އަދި އެއްވެސް މަޝްވަރާއެއް ނުކުރައްވާ. އަޅުގަނޑަކާ ހިސާބަކަށްވެސް އަދި ސަރުކާރުގެ އެއްވެސް ހިސާބަކަށްވެސް އެ މައްސަލަ އައިސްފައެއް ނުވޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުޅުމާލޭގެ ބިމަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބިމެއް ކަމަށާއި ހުޅުމާލޭގެ ޕްލޭނަށް ބަދަލެއް ގެންނަ ނަމަ އެޗްޑީސީއާވެސް އަދި ސަރުކާރާވެސް މަޝްވަރާ ކުރަން ޖެހޭނެ ކަމަށެވެ.

ދަތުރުދާ ރަށަކަށް ފަރުކޮޅުފުށި ހެދުމަށް ސިޓީ ކައުންސިލުން ނިންމާފައިވާ އިރު، ދިޔަނެރު ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.

ދިޔަނެރު ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރަން ސަރުކާރުން މީގެ ކުރިން ނިންމާފައިވާ އިރު، ސަފާރީތަކަށް ހާއްސަ ބަނދަރެއް ދިޔަނެރު ދޭއް ފަޅުގައި އެޅުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ. 2019 ވަނަ އަހަރު އެކަން އިއުލާން ކުރި ނަމަވެސް، އެ މަސައްކަތް އަދިވެސް ފަށައިފައެއް ނުވެއެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރުދާނެ ރަށެއް ކަނޑައެޅުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.