މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ އަމާޒު އެހެން ދިމާއަކަށް ފޯކަސް ކުރާން އުޅޭތަން ފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ސޯލިހު ވިދާޅުވީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާ އަކީ ވަރަށް ނުރައްކާތެރި ބިރުވެރި ކަމެއް ކަމަށާއި އެއީ އެފަދަ ދެވަނަ ކަމެއް ތަކުރާރުވެގެން ނުވާނެ ވަރުގެ ކަމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެ މައްސަލައާ ގުޅޭގޮތުން އެކި އެކި ވާހަކަތައް ދައްކަމުންގޮސް މުޅި މައްސަލައިގެ އަސްލު ގެއްލޭ ހިސާބަށް އެބަދާ ކަމަށެވެ. އެހެންކަމުން އެފަދަ ކަންތައްތައް ނުކުރުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

"އަޅުގަނޑުމެން އެންމެންގެ އަމާޒަކަށް ވާންވީ ރާއްޖޭގަ އެފަދަ ކަންތައްތައް ހިނގިޔަ ނުދިނުމަށް އެންމެން އެކީގައި ކުރެވެން ހުރި މަސައްކަތްތަކެއް ކުރުން. ކާކުތޯ އެކަމެއް ކުރީ ކޮންބައެއް ބުނެގެންތޯ. އަދި އޭގެ ޚަރަދުކޮށްފަ ފައިސާ އެކުލެވޭތޯ ނޫނީ އެހެން ބަޔަކު އެހެން މަގްސަދެއްގައި ކޮށްފަ އޮތް ކަމެއްތޯ ބަލައި އެކަން ހޯދައި މުޅި ގައުމު އެކަމުން ސަލާމަތް ކުރުމަށް ކުރެވެން ހުރި ކަންތައްތައް އަޅުގަނޑުމެން ކުރުން. އެއާ ޚިލާފަށް އަޅުގަނޑަށް މި ފެންނަނީ ވަރަށް ބޮޑަށް އޭގެން ނެއްޓި އެހެން ދިމާލަކަށް އަމާޒު ހިފައިގެންދާތަން. އެހެން ނުހެއްދެވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން އަންނަނީ އެ ހަމަލާއާ ގުޅޭގޮތުން ތަފާތު އެކި ވާހަކަތައް ދައްކަމުންނެވެ. އެގޮތުން އެކަމުގެ އަޑީގައި ތިބި މީހުން ހޯދުމަށް ފުލުހުންގެ މުއައްސަސާއިން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ވެސް ތުހުމަތު ކުރަމުންދެ އެވެ. އަދި އެ ހަމަލާއަށް އެއްމަސް ވެގެންދިޔައިރުވެސް އިންސާފު ގާއިމް ކުރެވިފައިނުވާ ކަމަށް ބުނެ ރައީސް ނަޝީދުގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅު ކުރަމުންނެވެ.

ބޮން ގޮއްވާލުމުގައި އަމަލީގޮތުން ބައިވެރިވި މީހާއާ އެކު އިތުރު ހަތަރު މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ބޮން ގޮއްވާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދެވެ. އޭނާ ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލުމަށްފަހު އަދުހަމް ދުވެފައިދާ މަންޒަރު ފުލުހުން އާންމުކުރި ސީސީޓީވީ ފްޓޭޖުން ފެނެ އެވެ.

ގޮއްވާލި ބޮން ހަރުކޮށްފައިވާ ސައިކަލްގެ ވެރި މީހާ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދެވެ. ދެން ހައްޔަރުކުރި މއ. ފޭރުގެ، މުޖާޒް އަހްމަދަކީ އަދުހަމާއި ތަހުމީނާ ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން ހަތަރު ވަނަ މީހަކު ހައްޔަރުކޮށްފައި ވަނީ ބ. ދަރަވަންދު އިންނެވެ. އެއީ ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހެވެ. އެ ހަމަލާ ދިނުމުގައި އޭނާގެ ބައިވެރިވުން އޮތް މިންވަރު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ހަރުކަށި ފިކުރު މީހުންނާ ގުޅޭގޮތުން ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގައި މިހާތަނަށް ހައްޔަރުކޮށްފައިވާ އެކަކު އެ މައްސަލާގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލު އަދި ހާމައެއް ނުކުރެ އެވެ.