ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ އިންކުއަރީއަށް ހުރަސް ނާޅާނެކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕަށް ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މެދުވެރިކުރައްވައި ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި ވަނީ ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރަމުންދާ އިންކުއަރީއާ ގުޅިގެން ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ސޯލިހަށް ތުހުމަތު ކުރައްވާފަ އެވެ. ސިފައިން ހާޒިރުކުރުމަށް ހުރަސް އަޅުއްވަނީ ރައީސް ސޯލިހު ކަމަށް ވިދާޅުވެ ކަންތައްތަކެއް ސިއްރުކުރާން ރައީސް ސޯލިހު މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ވެސް މި މެސެޖުގައި ރައީސް ނަޝީދު ވަނީ ކުރައްވައިފަ އެވެ.

"މީ ރައީސް ނަޝީދު. ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން 241 އަށް ހާޒިރުވިޔަ ނުދޭން ތިޔަ މަސައްކަތް ކުރައްވާ ސަބަބެއް އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުވިސްނޭ. ކޮން ކަމެއްތޯ ސިއްރުކުރައްވަން ތިޔަ އުޅުއްވަނީ." ރައީސް ނަޝީދުގެ މެސެޖުގައިވެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލުގެ ޖަވާބުގައި ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ވެސް އަދި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އެ އިންކުއަރީއަށް ހުރަސްނާޅާ ކަމަށް ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފް އިން ވެސް އެއްބާރުލުން ދެމުންދާ ކަމަށް އަސްލަމް ވިދާޅުވެފައިވާ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.

މީގެއިތުރުން ރައީސް ނަޝީދު އެފަދައިން ވިދާޅުވިޔަސް އެމަނިކުފާނު އެ އިންކުއަރީއަށް ހުރަސް ނާޅާނެކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެމްއެންޑީއެފް އިން ވަކި ވަކި ސިފައިން ގެންދިޔުމާ ބެހޭގޮތުން ނެރެފަ އޮތް ބަޔާނަކީ ސިފައިންގެ ގާނޫނާ ހަވާލާދީ ނެރެފަ އޮތް ބަޔާނެއް. އެހެންވީމަ އެބޭފުޅުން ނެރުއްވާފަ އޮތް ބަޔާނާ އެކީގައި ކޮމިޓީއަށް އެއްބާރުލުން ދެމުންދާ ކަމަށް މުގައްރިރު އެ އޮތީ ވިދާޅުވެފައި. އަދި އޭގެއިތުރުން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު އެއަށް ހުރަސް ނަޅާނެކަން. އެމަނިކުފާނު އެހެން ވިދާޅުވެފަ އޮތްނަމަވެސް،" ރައީސް ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 241 ކޮމިޓީގެ މުގައްރިރު އަސްލަމް ވިދާޅުވެފައި ވަނީ އެމްއެންޑީއެފްގެ ފަރާތުން އެ އިންކުއަރީއަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލު ދެއްވާފައިވާ ކަމަށެވެ.

ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުން ބޭނުންވަނީ އެ އިންކުއަރީއަށް ވަކި ވަކި ސިފައިން ހާޒިރުކުރުމަށެވެ. އަދި ވަކި ވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް ބަޔާންކޮށް މަޖިލީހަށް ޑިފެންސް މިނިސްޓްރީން ފޮނުވި ސިޓީގައި ސޮއިކޮށްފައިވާތީ ރައީސް ނަޝީދުގެ އެންގެވުމަށް ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒާމިލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފަ އެވެ. ނަމަވެސް އެ އޮފީހުން ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ އިދާރާއަށް ހުށަހެޅުމަށް ލަފާދީފަ އެވެ.

ވަކި ވަކި ސިފައިން ހާޒިރުކުރަން ދެކޮޅު ހެދުމުން މިނިސްޓަރު މާރިޔާ އިސްތިއުފާ ދެއްވުމަށް ރައީސް ނަޝީދުގެ ކޮއްކޯފުޅު އަހްމަދު ނާޒިމް އަބްދުއްސައްތާރު ވެސް ވަނީ ގޮވާލައްވާފަ އެވެ.