ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ނުކުރެވޭނެ ކަމަށް ބުނެ ދިފާއީ ބާރުން ނެރުނު ބަޔާނަށް ތާއީދުކުރައްވައި، އެއީ ގާނޫނުގައި އޮތްގޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާ ދިން އިރު، އެމަނިކުފާނަށް ދެމުންދިޔަ ސެކިއުރިޓީ ބްރީޗުވި ގޮތުގެ ޕާލިމަންޓަރީ އެންކުއަރީއަށް ސިފައިން އެއްބާރުލުން ދޭނެ ކަމަށާއި ނަމަވެސް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް މީގެ ކުރިން އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފްގެ އެ ބަޔާނާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ އެ ބަޔާނަކީ ސިފައިންގެ ގާނޫނާ ހަވާލާދީ ނެރެފައިވާ ބަޔާނެއް ކަމަށެވެ.
"އެމްއެންޑީއެފުން ވަކިވަކި ސިފައިން ގެންދިއުމާ ބެހޭގޮތުން ނެރެފައި އޮތް ބަޔާނަކީ ސިފައިންގެ ގާނޫނާ ހަވާލާދީ ނެރެފައި އޮތް ބަޔާނެއް. އެހެންވީމާ އެބޭފުޅުން ނެރުއްވާފައި އެ އޮތް ބަޔާނާ އެކީގައި ކޮމިޓީއަށް އެއްބާރުލުން ދެމުން ގެންދާކަމަށް މުގައްރިރު އެވަނީ ވިދާޅުވެފައި،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މައްސަލަ ބަލާ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ނޫސްވެރިންނާ ބައްދަލުކުރައްވައި ސަރުކާރުގެ އަދި އެމަނިކުފާނުވެސް އެ އިންކުއަރީއަށް އެއްވެސް ހުރަހެއް ނާޅާ ކަމާއި ފުރިހަމައަށް އެއްބާރުލުން ދެމުން އަންނަ ކަމަށް ވިދާޅުވެފައިވާ ކަމަށާއި އެހެންވީމާ އެ އިންކުއަރީ ގެންދަނީ ކޮމިޓީން ބޭނުންވާ ގޮތަށް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕަށް ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މެދުވެރިކުރައްވައި ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި ވަނީ ބޮމުގެ ހަމަލާއާ ގުޅޭ އިންކުއަރީއާ ގުޅިގެން ފާޅުކަން ބޮޑު ގޮތެއްގައި ރައީސް ސޯލިހަށް ތުހުމަތު ކުރައްވައިފައެވެ. ސިފައިން ހާޒިރުކުރުމަށް ހުރަސް އަޅުއްވަނީ ރައީސް ސޯލިހު ކަމަށް ވިދާޅުވެ ކަންތައްތަކެއް ސިއްރުކުރާން ރައީސް ސޯލިހު މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ވެސް މި މެސެޖުގައި ރައީސް ނަޝީދު ވަނީ ކުރައްވައިފައެވެ.
އެ މެސެޖާ ގުޅޭގޮތުން ރައީސް ސޯލިހު ވިދާޅުވީ ރައީސް ނަޝީދު އެހެން ވިދާޅުވެފައިވީ ނަމަވެސް އެ އިންކުއަރީއަށް އެމަނިކުފާނު ހުރަސް ނާޅުއްވާނެކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު