ގެއްލިގެން ހޯދަމުން އަންނަ ހދ. ނޮޅިވަރަންފަރު، މޯނިން ސަން، މިސްބާހު މުހައްމަދު ހުރީ ބޭރުގެ ޑްރަގް ނެޓްވޯކެއްގައި ރަހުނެއްގެ ގޮތުގައި ބަހައްޓާފައި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނުމުން އެކަން އޭނާ ދޮގުކޮށް ވީޑިއޯއެއް އާންމު ކުރުމުން ފުލުހުން ރައްދު ދީފި އެވެ.

ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ދިހަ ސުކުންތުގެ ކުރު ވީޑިއޯއެއްގައި ކަޅު ކުލައިގެ އަވި އައިނެއް އަޅައިގެން، ރީނދުލާއި ކަޅު ކުލައިގެ އަތް ދިގު ގޮޅި ޖެހި ގަމީހެއް ލައިގެން ހުރި މިސްބާހު ބުނެފައިވަނީ، އޭނާއޭ ކިޔައިގެން ފުލުހުން ހަދަނީ ހުސް ދޮގު ކަމަށެވެ. އަދި މަޑުމޮޅި ރާގަކަށް އޭނާ ބުނަނީ، އެއީ ޑްރަގުގެ ނެޓްވޯކަކާ އެއްވެސް ގުޅުމެއް އޮތް މީހެއް ނޫން ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން "ވަން" އިން މިއަދު ފުލުހުންނާ ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ވީޑިއޯ އިން ފެންނަނީ މިސްބާހުކަން ކަށަވަރު ކުރެވޭ ކަމަށާއި، އެ މައްސަލައާ ގުޅިގެން މީގެ ކުރިން ހިއްސާކޮށްފައިވާ މައުލޫމާތުތަކަކީ ފުލުހުންނަށް ކަށަވަރު ކުރެވޭ މައުލޫމާތު ތަކެއް ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނީ، މިދިޔަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ 10:13ގައި ފްލައި ދުބާއީގެ ފްލައިޓުން ދުބާއީއަށް މިސްބާހު ފުރާފައިވާ ކަމަށާއި އެކަން އިމިގްރޭޝަންގެ ރެކޯޑުތަކުން ދައްކާ ކަމަށެވެ. އަދި އޭނާ ދުބާއީއަށް ގޮސްފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކުތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއާ އެކު ކަމަށްވެސް ފުލުހުން ބުންޏެވެ.

އިރުފާން ތަގިއްޔު ވަނީ ޑިސެމްބަރު އަށްވަނަ ދުވަހު "މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައެވެ. އޭނާއާއެކު ޖުމުލަ 10 މީހެއްގެ މައްޗަށް ވަނީ ދައުވާވެސް އުފުލައިފައެވެ.

ފުލުހުން ބުނީ އިރުފާން ތަގިއްޔު އާއި މިސްބާހް މުހައްމަދު ދުބާއީއަށް ފުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ، 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ތަގިއްޔު ދުއްވާ ކާރެއް ކަމަށްވާ "AB1B P1939" ގައި ކަމަށެވެ.

ފުލުހުން ބުނީ އިރުފާން ތަގިއްޔު މިދިޔަ އަހަރުގެ ނޮވެމްބަރު 22 ވަނަ ދުވަހު އެމިރޭޓްސްގެ ފްލައިޓުން އެނބުރި ރާއްޖެ އައިސްފައިވާ ކަމަށާއި ނަމަވެސް އިރުފާނާއެކު މިސްބާހު ރާއްޖެ އައިސްފައި ނުވާ ކަމަށެވެ. އަދި މިސްބާހު، ނޮވެމްބަރު 23 ވަނަ ދުވަހު ފްލައި ދުބާއީގެ ފްލައިޓުން ދުބާއީ އިން ޕާކިސްތާނަށް ފުރާފައިވާކަން ތަހުގީގުގައި ހޯދިފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

"އެހެންކަމުން މިސްބާހު މުހައްމަދު ޕާކިސްތާނަށް ގޮސްފައިވަނީ ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކުގެ ބެލުމުގެ ދަށުގައި 'ގެރެންޓާ'އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭ،" ފުލުހުން ކުރިން ބުންޏެވެ.

ނަމަވެސް މިހާރު މިސްބާހު ހުރި ތަނެއް އާއިލާއަށް އަދި ފުލުހުންނަކަށް ވެސް ނޭނގެއެވެ.