ލިވަޕޫލަށް ކުޅުނު މިޑްފީލްޑަރު ޖޯޖީނިއޯ ވައިނާލްޑަމް ބާސެލޯނާއަށް ގެންދަން ހުރިހާ ކަމެއް ތައްޔާރުކޮށްފައި ވަނިކޮށް، ފަހުވަގުތު ބިޑް ހައިޖެކް ކޮށް ޕީއެސްޖީން އޭނާގެ ސޮއި ހޯދައިފިއެވެ.

މިދިޔަ ސީޒަންގެ ނިޔަލަށް ލިވަޕޫލާއެކު ވައިނާލްޑަމް ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އައިސްފައިވާއިރު، އޭނާ ނިންމާނީ ބާސާއާ ގުޅެން ކަމަށް ގިނަ ބަޔަކު ތިބީ ގަބޫލުކޮށްގެންނެވެ. އެކަން ގާތް ގަނޑަކަށް ބާސާއިން އިއުލާންވެސް ކުރިމެއެވެ. ބާސާއާއެކު ވައިނާލްޑަމް މެޑިކަލްއަށް ތައްޔާރުވެފައި ވަނިކޮށް ޕީއެސްޖީ ހުށަހެޅީ ބޮޑު މުސާރައަކާއި ބޮޑެތި އިތުރު އިނާޔަތްތަކެކެވެ.

އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައި ވަނީ ވައިނާލްޑަމް މިހާރު ވަނީ ޕީއެސްޖީއަށް ސޮއިކޮށްފައި ކަމަށެވެ. އަދި މެޑިކަލް ނިންމައި ޕީއެސްޖީން އިއުލާން ކުރަން ތައްޔާރުވާ ކަމަށްވެސް ރޮމާނޯ ރިޕޯޓް ކޮށްފައިވެއެވެ. ވައިނާލްޑަމްއާއެކު ޕީއެސްޖީން އެއްބަސްވީ 2024 އަހަރާ ހަމައަށެވެ.

ބާސާއަށް ގުޅެން ހުރިހާ ކަމެއް ނިންމައި މެޑިކަލްއަށް ތައްޔާރުވުމަށްފަހު ވައިނާލްޑަމް ހިޔާލު ބަދަލު ކުރީ އިއްޔެގެ ވަގުތެއްގައެވެ. އުމުރުން 30 އަހަރުގެ ވައިނާލްޑަމް ލިވަޕޫލް ދޫކޮށްލީ އާ ޗެލެންޖަކަށް ކަމަށް އޭނާ ބުނެފައިވެއެވެ. ވައިނާލްޑަމް ޕީއެސްޖީއަށް ދާން އެންމެ ބޮޑަށް ބާރުއެޅި އެކަކީ ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ކަމަށްވެސް ރިޕޯޓްތައް ބުނެފައިވެއެވެ. ވައިނާލްޑަމް ހިތް ބަދަލު ކުރަން ޕޮޗެޓީނޯ ވރަށް ގިނައިން ގުޅި ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

ވައިނާލްޑަމް ނެދަލޭންޑްސްއާއެކު ޔޫރޯއަށް ތައްޔާރުވަމުން އަންނައިރު، މުބާރާތުގެ ކުރިން ނިންމުން ނިންމާނެ ކަމަށް ބެލެވެއެވެ. ލިވަޕޫލަށް 237 މެޗު ކުޅެދިން ވައިނާލްޑަމް ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ.