ފަރުވާދިނުން ލަސްވުމުގެ ސަބަބުން ކޮވިޑު ބަލީގައި ރާއްޖޭގައި މަރުވި އެންމެ ހަގު ކުއްޖާ ކަމަށްވާ އުމުރުން ދިހަ އަހަރުގެ މިޝްކާ މުހައްމަދުގެ މަރުގެ މައްސަލައާ ގުޅިގެން ކުރަމުންގެންދާ ތަހުގީގު އަދި ނުނިމޭ ކަމަށާއި އެކަމާ ބެހޭގޮތުން ބަލަންޖެހޭ ކަންކަން އަދި އެބަހުރި ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިޝްކާ މުހައްމަދުގެ މަރުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ކުރިއަށްގެންދާ ތަހުގީގަށް މައުލޫމާތުދެއްވަމުންނެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަސީމު ވިދާޅުވީ، މިޝްކާގެ މަރުގެ މައްސަލައާ ގުޅިގެން މިހާތަނަށް ކުރިއަށްގެންދިޔަ ތަހުގީގާ ބެހޭ ރިޕޯޓު މިހާރު ނެރެފައިވާ ކަމަށެވެ. އެ ރިޕޯޓުން އެކަމާބެހޭ ތަފްސީލު އެނގިގެންދާނެ ކަމަށާއި އެއިން ވަރަށް ގިނަ ކަންތައްތަކެއް އެނގިގެންދާނެ ކަމަށެވެ.

ނަަމަވެސް ކޮމިޓީ ބައްދަލުވުން ފަދަ "ޕަބްލިކު ޑޮމެއިންއެއްގައި ނުދެއްކޭނެ ވާހަކަ ހުންނާނެ. މުޅި ތަހުގީގު ނުނިމޭ ބަލަންޖެހޭ ކަންކަން އެބަހުރި، ބަލަމުން ދަނީ،" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެފަދަ ހާދިސާއެއް ދެން ހިނގިޔަ ނުދިނުމަށް ފިޔަވަޅުތަކެއް މިހާރުވެސް އަޅާފައިވާ ކަމަށާއި އެކަމާ ބެހޭގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅު އަދިވެސް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހިނގަމުން އައިއިރު ނުބެލި ހުންނަ ގެޕް މި ހުންނަނީ. އެހެންކަމުން އެކަންތައް އަޅައިނުލެވި ހުރި. އެހެންކަމުން ކޯލް ސެންޓަރުގެ ކަންތައްތައް ވެސް ހުންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ މައްސަލައާ ބެހޭގޮތުން ނިންމަންޖެހޭ ކަންކަން ނިންމުމަށް ހަފުތާއެއްހާ ދުވަސް ބޭނުންވާ ކަމަށެވެ.

އެހެންކަމުން ހަފުތާއެއްހާ ދުވަހުގެ މުއްދަތެއް ދެއްވުމަށްފަހު އެ މައުލޫމާތުތައް ކޮމިޓީއާ ހިއްސާކުރުމުގެ ފުރުސަތު ދެއްވުމަށް ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދުގެ ކިބައިން މިނިސްޓަރު ނަސީމު އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމަވައިލެއްވީ ހަފުތާއެއްހާ ދުވަހުގެ މުއްދަތު މިނިސްޓަރު ނަސީމަށް ދެއްވުމަށްފަހު އިތުރު ބައްދަލުވުމެއް ބޭއްވުމަށެވެ.