ރައްޔިތުންގެ މަޖިލީހުގެ ރައީސް ބޭނުންހާ ކަމެއް މަޖިލީހުން ނުކުރެއްވޭނެ ކަމަށާއި މަޖިލީހުގެ ރައީސް ހުންނަވަން ވާނީ ގަވާއިދުގެ ތެރޭގައި ކަމަށް ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް މިއަދު "ވަން" އަށް ވިދާޅުވީ މަޖިލީހުގެ ރައީސް ވިދާޅުވިއޭ ކިޔާފައި ވަކި މައްސަލައެއް މަޖިލީހުގެ ކޮމިޓީއަކުން ނުބެލޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޑިފެންސް މިނިސްޓަރުގެ ނައިބު ހަސަން ޒަމީލް ސޮއިކުރައްވައި ޑިފެންސް މިނިސްޓްރީން މަޖިލީހަށް ސިޓީއެއް ފޮނުވިޔަސް އެކަމާ ގުޅޭ ގޮތުން ޒިންމާ ވާން ޖެހޭނީ މިނިސްޓަރު ކަމަށާއި ދުނިޔެ ގަބޫލު ކުރާ ހަމައަކީ އެއީ ކަމަށެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީ ނުވަތަ 241 ކޮމިޓީން ހިންގަމުން އަންނަ އިންކުއަރީއަށް ވަކި ވަކި ސިފައިން އެ ކޮމިޓީއަށް ހާޒިރުވާން އެންގުމުން އެއީ ސިފައިންގެ ގާނޫނުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށް ބަޔާންކޮށް ޑިފެންސް މިނިސްޓަރުގެ ނައިބު ޒަމީލް ސޮއިކުރައްވައި މަޖިލީހަށް ވަނީ ސިޓީއެއް ފޮނުވާފަ އެވެ.

އެ ސިޓީ ފޮނުވިކަމަށްޓަކައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެންގުމަށް ޒަމީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފަ އެވެ. އަދި އޭނާ މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އެ މައްސަލަ އިމްތިޔާޒު ކޮމިޓީއަށް ހުށަހެޅުއްވި އެވެ.

ރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ކާނަލް ނާޒިމް ވަނީ އެ މައްސަލަ އެ ކޮމިޓީއަށް ނުބެލޭނެ ކަމަށް ކަނޑައަޅައިދިނުމަށް ހުށަހެޅުމެއް ހުށަހަޅުއްވާފަ އެވެ. އެމްޑީޕީގެ މެންބަރުންގެ ތާއީދާއެކު އެ ހުށަހެޅުން ވަނީ ފާސްވެފަ އެވެ.

"މިނިސްޓަރަކަށް ހުންނަވާ ބޭފުޅެއްގެ ޒިންމާ އަބަދުވެސް އޮންނާނެ. އެ ޒިންމާ ޑެލިގޭޓް ކުރެވޭނެ. މިނިސްޓަރު ބޭނުންފުޅު މީހަކު ލައްވައި ސޮއިކުރުވާފައި ފޮނުވޭނެ. އެހެންވީމަ މަޖިލީހުން ސުވާލުކުރަންވާނީ މިނިސްޓަރާ. ނައިބު ފެންވަރުގެ ބޭފުޅަކު އެ ސިޓީ ފޮނުވީތީ އޭނާގެ މައްޗަށް ދައުވާކޮށެއް ނެހެދޭނެ. އެއީ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒްތަކަށް އަރައިގަތް ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ކާނަލް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވިގޮތުގައި ވަކި ވަކި ސިފައިން 241 ކޮމިޓީއަށް ހާޒިރުވާން ދެކޮޅު ހެދި މައްސަލާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެ ކޮމިޓީއަށް ހާޒިރުކޮށްގެން އެކަމާ ގުޅޭގޮތުން ސުވާލު ކުރެވިދާނެ އެވެ.

"ކޮންމެވެސް ކަހަލަ ހަމައެއް އުސޫލެއް ހުންނަންވާނެ ދެއްތޯ ކަންކަން ކުރުމުގައި. ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރަކު އައްޔަން ކުރައްވަނީ ފުރިހަމަ ޒިންމާއާ އެކު. އެ ޒިންމާ މިނިސްޓަރު ނަންގަވަން ވާނެ. މިނިސްޓަރު ވިދާޅުވީމަ ތިރީގަ ތިބޭ ސްޓާފުން އެ ވިދާޅުވާ ކަމެއް ކުރާނެ. ކުރިކަމުގައި ވިޔަސް އެ ޒިންމާ މިނިސްޓަރުގެ ކިބައިން ނެއްޓިގެން ނުދާނެ. އެއީ އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަމައެއް. ދުނިޔޭގެ ހަމައެއް،" ނާޒިމް ވިދާޅުވި އެވެ.

ވަކި ވަކި ސިފައިން މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަކީ ގާނޫނީގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ނާޒިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވާގޮތުގައި ރައީސް ނަޝީދަށް ހަމަލާދިންއިރު، އެތަނުގައި ތިބި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ބޮޑީގާޑުން 241 ކޮމިޓީއަށް ހާޒިރު ކުރެވިދާނެ އެވެ. ނަމަވެސް ސިފައިންގެ އިންޓެލިޖެންސް ދާއިރާގައި މަސައްކަތްކުރަން ތިބި އާދައިގެ އޮފިސަރުން ކޮމިޓީއަށް ހާޒިރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.