އިޒްރޭލުން ގާޒާގައި ހިންގާ އަނިޔާވެރި އަމަލުތަކާ ގުޅިގެން އިޒްރޭލު ރައްޔިތުން ރާއްޖެ އަޔަނުދިނުމަށް ޓަކައި، އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ގޮތުން "ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު" އަށް އިސްލާހު ގެންނަން ހުށަހެޅި ބިލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަގު ވައްޓާލަން ހުށަހެޅި ބިލެއް ކަމަށް އެމްއެންޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެ ބިލަކީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. އެ ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް 241 ކޮމިޓީއަށް ފޮނުވީ، މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.
ފަސް މަހަށްފަހު އެބިލްގެ މަސައްކަތް ފެށުމުގެގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އެއީ ސިޔާސީ ނުފޫޒެއްގެ ތެރެއިން ސަރުކާރުގެ މައްޗަށް ނުފޫޒު ހިންގުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އެ ބިލަކީ ކުރީ ސަރުކާރު އޮތް އިރު މަޖިލީހަށް ހުށަހެޅި ބިލެއް ކަމަށާއި، އެބިލް މިހާރު އޮތް 20 ވަނަ މަޖިލީހަށް ގެނައީ މިހާރު އޮތް ސަރުކާރުގެ ބޮލަށް އެ ބުރަ ވައްޓާލައި ރައްޔިތުންގެ ކުރިމަތީގައި ސަރުކާރު ނިކަމެތި ކޮށްލުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ބިލަށް އިސްލާހު ހުށަހަޅާފައި ވަނީ ވަރަށް ހައްސާސް މައްސަލައަކާ ބެހޭގޮތުން ކަމަށާއި އެއީ މަދު މެންބަރުންކޮޅެއް ކޮމެޓީގައި ތިބެގެން ނިންމާލެވޭނެ މައްސަލައެއް ނޫން ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން އެ ބިލާބެހޭގޮތުން ސިޔާސީ ޕާޓީތަކާއި އެންޖީއޯތަކުގެ އިތުރުން ކަމުވޮށިގެންވާ ފަރާތްތަކާއެކު މަޝްވަރާކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އިގްތިސާދީގޮތުން މިހާ ދަތި ދަނޑިވަޅެއްގައި މިފަދަ ކަންތައް ކުރުމުގެ ކުރިން ވިސްނާލަން ޖެހޭ ކަމަށެވެ.
އެހެންކަމުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހަޅުއްވައިގެން ނާޒިމްގެ ތާއީދާއެކު މި ބިލްގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީމަހުގެ ނިޔަލަށް ނިންމުމަށް ކޮމެޓީން ވަނީ ފާސްކޮށްފައެވެ. އަދި ނާޒިމް ހުށަހަޅުއްވައިގެން އެހެން މެންބަރެއްގެ ތާއީދާއެކު މި ބިލްގެ މައްސަލައިގައި، ކަމާބެހޭ މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކާއި އެންޖީއޯތަކާއި، އައިއޯތަކުގެ އިތުރުން ކަމުވޮށިގެންވާ ފަރާތްތަކާއި ޓޫރިޒަމް އިންޑަސްޓްރީއާއެކު ކޮމިޓީން މަޝްވަރާކުރަން ވެސް ވަނީ ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު