ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަންޑު ކުރި މީހުން ހޯދޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ފުލުހުން ބުނެފިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށްގެން ހަމަލާދިންތާ މަހެއް ވީ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ފަރާތުން ބައިވެރިވެޑައިގެންނެވި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީދު ވިދާޅުވީ ހަމަލާގެ އެންމެ ފުންމިނަށް ދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
"އަޅުގަނޑުމެންގެ ހަމަ ޔަގީންކަން އެބައޮތް އެފަދަ ކަމެއް (ފަންޑު ކުރުން) ހިނގާފައި އޮތިއްޔާ އެކަންކަން ހޯދޭނޭ ކަމުގެ. އަޅުގަނޑުމެންގެ ކެޕޭސިޓީ ހުރި ފަރާތްތައް ފުލުހުންގެ ތެރޭގައި ވެސް އެބަތިބި،" ބަޝީރު ވިދާޅުވިއެވެ.
އެ މައްސަލައާ ސިދާ ގުޅުން ހުރި ހަތަރު މީހަކު މި ވަގުތު ހައްޔަރުގައި ތިބި ނަމަވެސް އެއަށްވުރެ ގިނަ ފަރާތްތަކުގެ އަތެއް އެކަމުގައިވާކަން ބަޝީރު ފާހަގަކުރެއްވިއެވެ. އަދި އެކަމުގައި ޝާމިލުވާ މީހުން ހައްޔަރު ނުކުރެވި ހޭދަވާ ކޮންމެ ވަގުތަކީ ވެސް ލިބޭ ގޮންޖެހުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އެކަށީގެންވާ ރަނގަޅު ހެކިތަކެއް އަދި ކުރިއެރުންތަކެއް އެބަހުރި، ހައްޔަރުގައި ހުރި މައިގަނޑު ފަރާތްތަކާ ގުޅޭ ގޮތުން،" އެ ބައްދަލުވުމުގައި ބައިވެރިވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވިއެވެ.
މައްސަލައާ ގުޅިގެން އެއްކޮށްފައިވާ ފޮރެންސިކް ހެކިތަކުން ވަރަށް މުހިންމު މައުލޫމާތުތަކެއް ލިބިފައިވާ ކަމަށް ވެސް ހަސަން ޝިފާއު ފާހަގަކުރެއްވިއެވެ. އަދި އެއީ މައްސަލައިގައި އިންސާފަށް ވާސިލުވުމަށް މުހިންމު ދައުރެއް އަދާކުރާނެ ހެކިތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭގެ ތަފްސީލުތައް މިވަގުތު ހާމަކުރެވެން ނެތް ކަމަށް ވެސް ޝިފާއު ވިދާޅުވިއެވެ.
ތަހުގީގުގެ ފޯކަސް ހުރީ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ އިތުރުން ހަމަލާ ރާވައި ހިންގައި ހަރަކާތްތެރިވެ، އެއްވެސް މިންވަރަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތެއް ހޯދުމަށް ކަން ޝިފާއު ފާހަގަކުރެއްވިއެވެ.
"މިގޮތުން މި މައްސަލައިގައި އަމަލީ ގޮތުން ދައުރު އަދާކުރި ސަސްޕެކްޓުންގެ ތެރެއިން މުހިންމު މީހުން މިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި،" ޝިފާއު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ފައިނޭންޝަލް އޭންގަލް އިން ކުރިއަށް ދިއުމަށް އެމެރިކާގެ އެކަމުގެ ތަޖުރިބާކާރެއްގެ އެހީތެރިކަން ހޯދަމުން އަންނަކަން ޝިފާއު ފާހަގަކުރެއްވިއެވެ. އަދި އެ އޭންގަލްއިން ތަފްސީލީ ތަހުގީގެއް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު