ކޮވިޑް ޖެހިގެން މިއަދު ވެސް ދެމީހަކު މަރުވެ މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 184 އަށް އަރައިފި އެވެ.

އެ ދެ މީހުން ވެސް މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އަންނަނިކޮށެވެ. މަރުވި ދެ މީހުންގެ ތެރެއިން އެކަކީ 93 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވީ ރޭ ދަންވަރު 12:47 ހާއިރު އެވެ. ދެވަނަ މީހާ މަރުވެފައިވަނީ މިއަދު ހެނދުނު 08:00ގަ އެވެ. އެއީ 82 އަހަރުގެ އަންހެނެކެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން އިއްޔެ ވަނީ ހަތަރު މީހަކު މަރުވެފަ އެވެ. އޭގެ ތެރޭގައި 28 އަހަރުގެ ޒުވާން އަންހެނަކު ވެސް ހިމެނެ އެވެ.

ރާއްޖޭގައި ކޮވިޑު ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ބަލީގައި 13 މީހަކު މަރުވިއެވެ

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.